Fri, 28 February, 2020, 4:13 pm
ގޭންގު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 9 ދުވަސް

މެދު ރާއްޖެތެރޭގެ ރަށެއްގައި ތިން ފިރިހެނުންގެ ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ގޭންގު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުންގެ ބަންދަށް 9 ދުވަސް ޖަހާދީފައިވާ ކަމަށެވެ. އެ މައްސަލައިގައި އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދެ ދިވެހި ފިރިހެނަކާއި އަދި 18 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކުރިއެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުއްޖަކު، އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވި ފަހުން ރާއްޖޭގެ އެކި ރަށްރަށުން އެފަދަ މައްސަލަތައް ދަނީ ރިޕޯޓް ކުރަމުންނެވެ. އަދި މި ހަފްތާ ތެރޭގައި އެކަނިވެސް ހަތަރު މައްސަލައެއް ފެންމަތިވެ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެގޮތުން ދެކުނުގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 56 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ އިތުރުން ގާނޫނާ ހިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ކަމަށް ބުނެ، އެކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 59 އަހަރުގެ މީހަކާއި އެކުއްޖާއަށް އިހުމާލުވިކަމުގެ ތުހުމަތުގައި ކުއްޖާގެ މަންމަ ހައްޔަރުކޮށްފައިވާއިރު ދެކުނުގެ ރަށެއްގައި ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިއްޔެ 76 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އަދި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިއްޔެ ވަނީ ސިފައިންގެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

Leave a comment

Your email address will not be published.