Fri, 28 February, 2020, 4:16 pm
އައްޒަގެ އާ ޝޯއެއް ދިރާގު ޓީވީއަށް، އައްޒައަށް ލިބުނު ޝަރަފަކާއި ނަސީބެއް!

މުޅިން އާ ދިވެހި ކޮންޓެންޓެއް އުފެއްދުމަށް މަޝްހޫރު ފިލްމީ ތަރި އައްޒައާއެކު ދިރާގު ޓީވީން ސޮއިކޮށްފިއެވެ.

ދިރާގުން ބުނީ، އެ ކޮންޓެންޓުތައް ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑު ލައިބްރަރީން މިއަހަރުގެ ތެރޭގައި އާންމުންނަށް ފެނިގެންދާނެ ކަމަށެވެ.

ދިރާގު ޓީވީއާއެކު ސޮއިކުރި އެއްބަސްވުމަށްފަހު އައްޒަ ބުނީ، ދިރާގު ކަހަލަ ބޮޑު ކުންފުންޏަކާއެކު ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން ލިބުމަކީ އޭނާގެ ފިލްމީ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ނަސީބެއް ކަމަށެވެ. އަދި އެ ފުރުސަތު ދިނުމުން ދިރާގުގެ އިސްވެރިންނަށާއި ހުރިހާ ސްޓާފުންނަށް އައްޒަ ވަނީ ޝުކުރު އަދާކޮށްފައެވެ.

“ދިރާގަކީ ފަންނުވެރިންގެ މަސައްކަތް އަގު ވަޒަންކުރާ އަދި ހާއްސަ ގޮތެއްގައި ފިލްމި ފަންނާނުންގެ މަސައްކަތަށް ހިއްވަރުދީ، މާލީގޮތުންނާއި ފަންނީގޮތުން ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ޕްލޭނަކާއެކު ވަރަށް  ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެއް،” އައްޒަ ބުންޏެވެ.

މުޅިން އާ ދިވެހި ކޮންޓެންޓެއް އުފެއްދުމަށް އައްޒައާއެކު ދިރާގުން ސޮއިކުރިއިރު، މިމަހުގެ ކުރީކޮޅު ދިރާގުން ވަނީ މުޅިން އާ ދިވެހި ސީރީޒެއް އުފައްދަން ޔޫއްޕެ ޕްރޮޑަކްޝަނާއެކު ވެސް ސޮއިކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތް، ދިރާގު ޓީވީ ތައާރަފް ކުރިތާ މިވީ ދެ އަހަރު ދުވަސް ތެރޭގައި ޓީވީން ވަނީ ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ.

އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އޭގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑުގެ ފީޗާ ހިމެނޭ ހަމައެކަނި ހިދުމަތެވެ.

ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓު ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގުން ބުނީ، ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިވެހި އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތައް އެކުންފުނިން މަގުފަހިކޮށްދެމުންދާނެ ކަމަށެވެ.

އެގޮތުން އެކުންފުނީގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަށް ދިރާގުން ބުނެއެވެ.

Leave a comment

Your email address will not be published.