Sun, 29 March, 2020, 10:45 am
މިދިޔަ އަހަރު އެސްޓީއޯގެ ފައިދާ 422 މިލިއަނަށް، 68 ޕަސެންޓުގެ ކުރިއެރުމެއް!

މިދިޔަ އަހަރު އެސްޓީއޯ އަށް، ސާފް ފައިދާގެ ގޮތުގައި 400 މިލިއަނަަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، މިދިޔަ އަހަރު ޓެކްސް އަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 422 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވިދާޅުވި އެވެ.

އެސްޓީއޯއިން މިއަދު ހާމަކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 358 މިލިއަން ރުފިޔާ އެވެ. އަދި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 537 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އަމްރު ވިދާޅުވި ގޮތުގައި، ކުންފުންޏަށް މިދިޔަ އަހަރު ފައިދާވި ނަމަވެސް ވިޔަފާރި ކުރިއެރުމުގައި ދަތިތަކާ ކުރިމަތިވި ކަމަށެވެ.

އެގޮތުން މެދުއިރުމަތީގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 34 ޕަސެންޓަށް އުފުލުނު ކަމަށާއި ނަމަވެސް ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކީ ރައްޔިތުންނަށް ފައިދާވާނޭ ގޮތަށް ހެޔޮ އަގެއްގައި ކަމަށް ވިދާޅުވި އެވެ.

“އެސްޓީއޯއިން ބެލީ ވީހާ ވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް ޑިސަލާއި ޕެޓްރޯލް ލިބޭނެ ގޮތް ހަދަން. އެގޮތުން މިދިޔަ އަހަރު ފެށުނު އިރަށްވުރެ ނިމުނު އިރު ޑިސަލާއި ޕެޓްރޯލުން ވާނީ 80 ލާރި ކުޑަކުރެވިފައި. އަދި އޭގެ އިތުރުން ޕެޓްރޯލްގެ އަގު ދެހާސް ނަވާރަ ވަނަ އަހަރު ފެށުނު އިރަށް ވުރެ ނިމުނު އިރު މި ވަނީ 1.26 ރުފިޔާ ކުޑަކުރެވިފައި،” އަމްރު ވިދާޅުވި އެވެ.

އަމްރު އިތުރަށް ވިދާޅުވީ، އަންނަ މަހުން ފެށިގެން ހަމައެކަނި ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ބަދަލުގައި ސްރީ ލަންކާއަށް ވެސް ތެޔޮ އެކްސްޕޯޓް ކުރަން އެސްޓީއޯއިން ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ، މިއަހަރު ވެސް އެސްޓީއޯ އަށާއި ރައްޔިތުންނަށް ފައިދާވާނެ ކަންތައްތައް އެ ކުންފުނިން ކުރާނެ ކަމަށާއކުރިއަށް އޮތް ތަނުގައި ވެސް އެ ކުންފުނިން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަށެވެ.

Leave a comment

Your email address will not be published.