Fri, 28 February, 2020, 5:18 pm
ހއ. އުތީމުގައި އާ އިންޖީނުގެ އިމާރާތްކުރަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ފެނަކަ
އުތީމުގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހއ. އުތީމުގައި އާ އިންޖީނުގެއެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަތް މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ ނާސާ ލިންކު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. ނާސާ ލިންކުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަބްދުލް ރަހްމާނެވެ.

ފެނަކަ އިން ބުނީ، އުތީމުގެ އާ އިންޖީނުގޭގެ މަސައްކަތް މިއަދު ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ހަވާލުކުރީ ނުވަ މަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމާ އަހުމަދު ސައީދު މުހައްމަދު ހަވާލުވުމަށްފަހު ރަށްރަށުގެ އިންޖީނުގެތައް މީހުން އުޅޭ ސަރަހައްދުތަކުން އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ގިނަ މަޝްރޫއުތަކެއް ވަނީ ހަވާލުކޮށް، މަސައްކަތް ފަށައިފައެވެ.

އެގޮތުން އަލަށް އަޅާ އިންޖީނުގެ ތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި ރައްކާތެރިކަމާއެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިންޖީނުގެ ތަކުން ދުން ބޭރުކުރުމަށް ދުންހޮޅިތަކެއް ހަދާނެއެވެ.

އޭގެ އިތުރުން މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެއެވެ.

ފެނަކައިން މީގެ ކުރިން ބުނެފައިވާ ގޮތުން، މިއަހަރު އެކި ރަށްރަށުގައި އާ 30 އިންޖީނުގެ އަޅައި ހިދުމަތް ދޭން ފަށާނެއެވެ. އެގޮތުން މިއަހަރު ރ. ރަސްމާދޫގައި އާ އިންޖީނުގެ އިމާރާތް ކުރަން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

Leave a comment

Your email address will not be published.