Fri, 28 February, 2020, 3:56 pm
އުތީމުގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ހއ. އުތީމުގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ހަތް މިލިއަން ރުފިޔާއަށް ނާސާ ލިންކު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އުތީމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުތީމުގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ.

މި އިންޖީނުގެ އިމާރާތްކޮށް ނިންމަން ހަވާލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހަށެވެ.

އުތީމުގައި އަޅާ އާ އިންޖީނުގެއަކީ ރަށްރަށުގެ އިންޖީނުގެތައް މީހުން އުޅޭ ސަރަހައްދުތަކުން އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ފައްޓަވާފައިވާ މަޝްރޫއުގެ ދަށުން މިއަހަރު ހަވާލުކުރި ދެވަނަ ރަށެވެ. މިއަހަރު ފުރަތަމަ ހަވާލުކުރީ ރ. ރަސްމާދޫގައި އާ އިންޖީނުގެ އެޅުމަށެވެ.

ސައީދުގެ އެމްޑީ ކަމުގައި ފެނަކަ އިން އަލަށް އަޅާ އިންޖީނުގެ ތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި ރައްކާތެރިކަމާއެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިންޖީނުގެ ތަކުން ދުން ބޭރުކުރުމަށް ދުންހޮޅިތަކެއް ހަދާނެއެވެ.

އޭގެ އިތުރުން މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެއެވެ.

Leave a comment

Your email address will not be published.