Fri, 28 February, 2020, 4:25 pm
ލަންކާގެ އިމާރާތެއްގެ މަތިން ދިވެހި ކުޑަކުއްޖަކު ވެއްޓި، އައިސީޔޫގައި!

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސްރީ ލަންކާގެ އިމާރާތެއްގެ މަތިން ދިވެހި ކުޑަކުއްޖަކު ވެއްޓި، ލިބުނު އަނިޔާތަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފޮރިން މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ތިން އަހަރުގެ އެކުއްޖާގެ ވެއްޓިފައިވަނީ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ދެހިވަލާގައި ހުންނަ ސިޓީ ޓަވަރުގެ ދެވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނިންނެވެ. އަދި އެކުއްޖާ ކަލުބޯވިލާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބެއެވެ.

އަދި އެ ހާދިސާގައި ކުއްޖާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއްވެސް ފަރާތަކުން އަދި އެކަން ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.

ލަންކާ ހައި ކޮމިޝަންގެ އޮފިޝަލަކު ބުނީ، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގް އާއި ކޮމިޝަންގެ އޮފިޝަލުން އަދި ލަންކާގައި ހުންނަ އާސަންދަ އޮފީހުން ވެސް އެކުއްޖާއަށް ލަންކާއިން ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Leave a comment

Your email address will not be published.