Fri, 28 February, 2020, 3:54 pm
މޯލްޑިވިއަންގެ ޓިކެޓު ގަނެވޭ މޯބައިލް އެޕެއް ތައާރަފުކޮށްފި

ގައުމީ އެއާލައިންގެ ޓިކެޓު ގަނެވޭ މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް މިއަދު ތައާރަފުކޮށްފިއެވެ.

މޯލްޑިވިއަންގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ބުކްކޮށް، ފައިސާ ދައްކާލެވޭނެއެވެ. އަދި މޯލްޑިވިއަން ދަތުރުކުރާ މަންޒިލުތަކަށް ދަތުރުކުރެވޭ ފެއާ ތަކުގެ ތަފްސީލާއި ފްލައިޓު ޝެޑިއުލް ބަލައި ދަތުރު ކުރިއާލާ ޕްލޭން ކުރެވޭނެއެވެ.

އަދި މޯލްޑިވިއަންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވަގުތުން ބަލާލުމާއި މޯލްޑިވިއަންއިން ނެރޭ ޕްރޮމޯޝަންތައް ވެސް މި އެޕް މެދުވެރިކޮށް ފެންނާނެއެވެ. މޯލްޑިވިއަންއިން ބުނީ އެޕް ސްޓޯރ އަދި ޕްލޭ ސްޓޯރއިން މި އެޕް ޑައުންލޯޑް ކުރެވޭނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިޒްވީ ވިދާޅުވީ މިއީ މޯލްޑިވިއަންގެ ހިދްމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހަ ހިދްމަތަކަށް ވެގެންދާނެކަމަށެވެ. އެގޮތުން ކައިރި މުސްތަގްބަލެއްގައި ޓިކެޓު ރިފަންޑު ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރ ރިޒްވީ ވިދާޅުވީ މި އެޕްލިކޭޝަން އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުކުރަމުންދާކަމަށާއި އަންނަ ހަފްތާގައި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ރީފަންޑުކުރުމުގެ ޚިދުމަތް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ.

މީގެ ކުރިން ޓިކެޓް ބުކްކުރުމާއި ޝެޑިއުލް ބަލާލުން ފަދަ ޚިދުމަތްތައް މޯލްޑިވިއަންގެ ޓިކެޓް ކައުންޓަރުތަކުންނާއި މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުރެއެވެ. އަލަށް ތަޢާރަފްކުރި މި އެޕްލިކޭޝަންއާއެކު ޓިކެޓް ބުކްކުރުމަށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

Leave a comment

Your email address will not be published.