Fri, 28 February, 2020, 3:51 pm
ކުއްޖަކަށް ވެކްސިން ދެނީ --- ފޮޓޯ/ މިހާރު
ހިމަބިހި ޖެހުނު މީހުންގެ އަދަދު 12 އަށް

ރާއްޖެއިން ހިމަބިހި ނައްތާލާފައި ވަނިކޮށް އަލުން އެ ބަލި ފެތުރެން ފެށި ފަހުން މިހާތަނަށް 12 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހިމަބިއްސަށް އެންމެ ފަހުން މީހަކު ޕޮޒިޓިވްވިކަން އެޗްޕީއޭ އިން ހާމަކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއީ މިދިޔަ މަހުގެ ތެރޭގައި ހިމަބިހި އަލުން ފެތުރެން ފެށިފަހުން އެ ބައްޔަށް ޕޮޒިޓިވްވި ނުވަ ވަނަ މީހާއެވެ.

ނަމަވެސް އެޗްޕީއޭ އިން މިއަދު ބުނީ، ހިމަބިއްސަށް މިހާތަނަށް 173 މީހުން ޓެސްޓް ކުރެވި، 12 ޕޮސިޓިވް ކޭސް ފެނިފައިވާ ކަމަށެވެ. އަދި ހުރިހާ ކޭސް އެއްވެސް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށް ބުންޏެވެ.

އެހެންކަމުން އެންމެ ފަހުން އެބައްޔަށް މީހަކު ޕޮޒިޓިވްވި ފަހުން މިވީ ހަތަރު ދުވަސް ތެރޭގައި ތިން މީހަކު މިވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭ އިން ބުނީ، މިހާތަނަށް ކޮންމެ ކޭސްއަކާއި ގުޅިގެން އެފަރާތެއްގެ ކޮންޓެކްޓްސްއަށާއި ދިރިއުޅޭ ސަރަހައްދުގެ ވަށައިގެން ވަކި ހިސާބެއްގައި އުޅޭ ފަރާތްތަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

އެގޮތުން މިއަދާ ހަމައަށް 1384 މީހަކަށް ވެކްސިން ދީފައިވާއިރު، މާލެ ސަރަހައްދުގައާއި އަތޮޅު ތެރޭގައި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ ކުދިންނަށް ވެކްސިން ދިނުމާއި، ހަ މަހާއި 18 މަހާ ދެމެދުގެ ކުދިންނަށް އިތުރު ޑޯޒެއް ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 1780 ކުއްޖަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އޭގެ އިތުރުން ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތަކަށް ވެކްސިން ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 2647 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ހެލްތުން އިއުލާން ކުރީ ތިން އަހަރުގެ ފިރިހެން ކުއްޖަކު ޓެސްޓު ކުރުމުން ހިމަބިއްސަށް ޕޮޒިޓިވް ވުމުންނެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށް އެބަލި ޖެހިފައި ނުވާތީއެވެ.

ހިމަބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރުއެވެ.

Leave a comment

Your email address will not be published.