Fri, 28 February, 2020, 4:55 pm
ސީޕްލޭން ޓާމިނަލްގައި ސީޕްލޭންތައް އަޅާފައި --- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް
ޓާމިނަލް ދިނުމުގައި ނާޖާއިޒް ފައިދާއެއް ހޯދައިދޭން އުޅެފައިވާތީ، ޖިނާއީ ތަހުގީގެއް ފަށައިފި

އަލަށް ހަދާ ސީޕްލޭން ޓާމިނަލް ދިނުމުގައި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް މަޝްވަރާ ކޮށްފައިވަނީ ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކަމަށްވާތީ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން އެހެން ބުނީ، އާ ސީޕްލޭން ޓާމިނަލް ހިންގުން ހަވާލުކުރަން ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށްފަހު ފާހަގަކުރެވުނު ކަންތައްތައް ހާމަކުރަމުންނެވެ.

އޭސީސީން ބުނީ، ސީޕްލޭން އޮަޕަރޭޓަރުންނަށް އާސީޕްލޭން ޓާމިނަލުން ޖާގަ އަކަމީޓަރެއް މަހަކަށް 10.35 ޑޮލަރުގެ ރޭޓުގައި ކުއްޔަށް ދޫކުރުމަށް ނޮވެމްބަރު 2017 ގައި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުން މަޝްވަރާކުރިއިރު ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަ ކަމަށާއި އަދި އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ފަރާތްތަކުން މަސްލަހަތު އެ ކުންފުނިތަކުގައި އޮންނަކަން އެނގޭ ކަމަށެވެ.

އެހެންކަމުން އެފަރާތްތަކުގެ މަސްލަހަތު އޮންނަ އެފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހައި އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާކަން ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ، އެ މައްސަލައާ ގުޅިގެން އެކޮމިޝަންގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާނެ ކަމަށެވެ.

“މި މައްސަލައިގައި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމާއި ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، މި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން މިދަނީ ތަހުގީގު ކުރަމުންނެވެ.” އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ، 2017 އަދި 2018 ގައި ރިޒޯޓްތަކަށް ޖާގަ ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުން ރިޒޯޓްތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެބޮޑު އަގަކީ އަކަމީޓަރަކަށް 314.57 ޑޮލަރު ކަމަށާއި އަދި އެންމެ ކުޑަ އަގުގައި ޖާގަ ކުއްޔަށް ދުކޮށްފައިވަނީ އަކަމީޓަރަކަށް 174.92 ޑޮލަރުގެ ރޭޓުން ކަމަށެވެ.

ނަމަވެސް އެމްއޭސީއެލް އިން ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން މިހާރު ކުއްޔަށް ދޭން މަޝްވަރާ ކުރެވިފައިވާ އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓަކީ އެމްއޭސީއެލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްކަމަށެވެ.

އެގޮތުން 314.58 ޑޮލަރުން އަޅާކިޔާއިރު އެމްއޭސީއެލުން އަކަމީޓަރަކަށް މަހަކަށް 10.35 ޑޮލަރުގެ ރޭތުން ކުއްޔަށް ދީފިކަމުގައިވާނަމަ އަހަރަކު 55 މިލިއަންގެ ގެއްލުން އެމްއޭސީއެލްއަށް ލިބޭނެ ކަމަށާއި އަދި 174.92 ޑޮލަރުގެ ރޭޓުން އަޅައިކިޔައިފިނަމަ ވެސް އަހަރަކު 29.7 މިލިއަން ޑޮލަރުން ގެއްލުންވާނެ ކަމަށެވެ.

އަދި މިހާރު ދޭން މަޝްވަރާކޮށްފައިވާ ރޭޓާއި ކުރިން ދީފައިވާ ބޮޑުގެ އަގުގެ ރޭޓާ އަޅާކިޔާއިރު 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 826 އެމެރިކާ ޑޮލަރުގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެ ކަމަށް ބެލެވޭއިރު އެންމެ ކުޑަ އަގުގެ ރޭޓާ އަޅާކިޔާއިރު ވެސް 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 447 މިލިއަން ޑޮލަރުގެ ގެއްލުން އެމްއޭސީއެލް އަށް ލިބޭނެ ކަމަށް އޭސީސީން ފާހަގަކުރެއެވެ.

Leave a comment

Your email address will not be published.