Sat, 6 June, 2020, 3:13 pm
ދަރިން ތަރުބިޔަތު ކުރުމަށް މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވާންޖެހޭ!
182

ދަރިން ތަރުބިޔަތު ކުރުމަށްޓަކައި މައިންބަފައިން ކުރާ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެން  ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ދަރިންނަކީ މާތް ﷲ މައިންބަފައިންނާއި ހަވާލުކުރައްވާފައިވާ ވަރަށް މަތިވެރި އަމާނާތެއް ކަމަށާއި އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު ކަމަށެވެ.

އެހެންކަމުން އެކުދިން ހެޔޮ މަގުން އެއްކިބާވުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނެ ބަޔަކީ މައިންބަފައިން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ދަރިން ތަރުބިޔަތު ކުރުމަށްޓަކައި މައިންބަފައިން ކުރާ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެންކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، މައިންބަފައިން ދޭ ނަސޭހަތާއި އިރުޝާދުން ކުދިންނަށް އަސަރު ކުރާނީ އެންމެ ފުރަތަމަ މައިންބަފައިން އެކަންތައް ތަންފީޒުކޮށް ކުދިންނަށް މަނާކުރާ ކަންތައްތަކުން މައިންބަފައިން ދުރުހެލިވެގެން ކަމަށެވެ.

އެގޮތުން ބަންގިގޮވާ އަޑު އިވުމުން ދަރިފުޅުގާތުގައި ނަމާދަށްދާށޭ ބުނުމަށްފަހު އަމިއްލަ މަސައްކަތަށް އެނބުރިގަތުމުން ދަރިފުޅަށް ދިން ނަސޭހަތަކުން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށާއި އެހެންކަމުން ނަމާދަށް ދަމުން ދަރިފުޅު ގޮވައިގެންދާނަމަ އެއީ ތިމާވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދަރިފުޅަށް ވެސް ގަބޫލު ކުރެވޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ހުރިހާ މައިންބަފައިން ވެސް އެބައިމީހުންގެ ދަރިން ނަމާދު ކުރުމަށް ބާރުއަޅާންވާނެ ކަމަށާއި ނަމާދު ކުރުމަށް ހޭލުންތެރިކޮށް، ކުޑައިރުއްސުރެ ކުއްޖާ އެކަމަށް ތަމްރީން ކުރަންވާނެ ކަމަށެވެ. އަދި ކުދިން ގޮވައިގެން މިސްކިތަށް ދާންވާނެ ކަމަށް ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ހަތް އަހަރު ވުމުން ދަރިންނަށް ނަމާދު ކުރަން އަމުރު ކުރާށެވެ. ދިހަ އަހަރުވުމުން ނަމާދު ނުކުރާނަމަ (އެކުދިންނާ އެކަށީގެންވާ) އަދަބެއް ދީގެން ވެސް ނަމާދު ކުރުވާށެވެ. އަދި އަންހެން ކުދިންނާއި ފިރިހެން ކުދިން ނިދާ ތަންމަތި ވަކި ކުރާށެވެ.!”

އޭގެ އިތުރުން މައިންބަފައިން އެމީހުންގެ އަންހެން ދަރިންގެ ހެދުމާމެދު ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އަންހެން ކުދިންގެ ހެދުމަކީ އެކުދިންގެ އުމުރާ ގުޅެ ހެދުމެއްތޯ ބަލަންވާނެ ކަމަށެވެ.

އަދި ތުއްތު އިރުން ފެށިގެން އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހެދުން ލައްވާނަމަ، އެކުދިން ބޮޑުވުމުން އިސްލާމީ މިންގަނޑަށް ފޭރާން އެޅުމަށް ލޯބިކޮށް، މީހަކު ހީވެސް ނުކުރާފަދަ ބޮޑެތި ފިތުނަތަކާއި އެތައް މައްސަލަތަކަކުން ސަލާމަތްވާން މަގު ފަހިވާނެ ކަމަށް ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، ތަރުބިޔަތު ކުރުމުގެ ވަސީލަތްތަކުގެ ތެރެއިން ކުއްޖާއަށް އެންމެ ބޮޑަށް އަސަރު ކުރުވަނިވި ވަސީލަތަކީ ނަސޭހަތް ކަމަށްވާއިރު މައިންބަފައިން ދަރިންނަށް ނަސޭހަތް ދޭއިރު އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު ނަސޭހަތް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އަދި ހަރުކަށި އިބާރާތް ބޭނުން ކުރުމާއި މާ ގިނައިރު ނަސޭހަތް ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި ނަސޭހަތް ދިނުމުގައި މާގިނަ ވަގުތު ހޭދަކުރުމަކީ އޭގެ ސަބަބުން ކުދިން ފޫހިވެ، ބައެއް ފަހަރު ނަފްސާނީ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، ދަރިން ދެކެ ލޯބިވުމަކީ އެކުދިންގެ އުމުރާއި ބޭނުންތަކަށް ނުބަލައި އެކުދިން ބޭނުން ވަރަކަށް ފައިސާ ދިނުމާއި ބޭނުންހާ އެއްޗެއް ހޯދައިދީ، އަދި އެކުދިން ބޭނުންހާ ކަމެއް ކޮށް ބޭނުން ތަނަކަށް ގޮސް އުޅުމުގެ މިނިވަންކަން ދިނުން ނޫން ކަމަށެވެ.

ނަމަވެސް ދަރިންދެކެ ހަގީގީ ލޯބިވުމަކީ އިސްލާމީ ތަރުބިޔަތަކުން އެދަރިން ތަރުބިޔަތުކޮށް، ހަލާލު އާމްދަނީން އެ ދަރިންނަށް ރަނގަޅު ތައުލީމުދީ، ފައިދާ ހުރި ކާނާ އާއި ފޭރާން ހޯދައިދީ އަދި ދަރިންގެ އުމުރާ ގުޅޭ ގޮތަށް ބޭނުންތައް ފުއްދައިދިނުން ކަމަށެވެ.

އަދި އެކުދިންގެ އުޅުމާއި އަހުލާގާއި ސުލޫކު ރަނގަޅު ކުރުމަށްޓަކައި އަބަދާއި އަބަދު މަސައްކަތް ކުރުމަކީ މައިންބަފައިން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އޭގެ އިތުރުން އިސްލާމްދީނުގެ ރިވެތި އަދަބުތަކުން ޒީނަތްތެރިވެ ތިބުމަށްޓަކައި ލޮބުވެތި މާތް ނަބިއްޔާގެ ސީރަތު އެކުދިންނަށް އުނގަންނައިދިނުމީ އެކުދިންނަށްޓަކައި މައިންބަފައިން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށާއި އިސްލާމްދީނުގެ ރުކުންތަކާއި ހުކުމްތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދީނީ ވާޖިބުތައް އަދާކުރުމުގައި ފަރުވާތެރިވުމަށް ނަސޭހަތްތެރިވުމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

Leave a comment

Your email address will not be published.