Fri, 28 February, 2020, 4:08 pm
ރާއްޖޭން ބޭރުކުރަން އުޅުނު ހަތަރު މިލިއަން ރުފިޔާގެ ބޭރު ފައިސާ ހިފަަހައްޓައިފި

ރާއްޖޭން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ހިފަހައްޓައި، ތިން މީހު އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އެ އިދާރާއަށް ޑިކްލެއާ ނުކޮށް ރާއްޖޭން ބޭރުކުރަން އުޅުނު އެ ފައިސާގެ އަދަދު ދިވެހި ރުފިޔާއިން ޖެހޭ އަދަދަށް ބަލާއިރު އެއީ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އެ ފައިސާތަކަކީ ތަފާތު ތިން ފަހަރެއްގެ މަތިން ކަސްޓަމްސް އިން ހިފަހައްޓާފައިވާ ފައިސާއެވެ. އެގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު 1.3 މިލިއަން ދިވެހި ރުފިޔާގެ ބޭރު ފައިސާއާއެކު 31 އަހަރުގެ ދިވެހި ފިރިހެނަކު އަތުލައިގެންއިރު، މިދިޔަ ބުދަ ދުވަހު 2.1 މިލިއަން ދިވެހި ރުފިޔާގެ ބޭރު ހިފަހައްޓައި 29 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އަތުލައިގެންފައެވެ.

އަދި ހަމައެދުވަހު ހަ ލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާގެ ބޭރު ފައިސާއާއެކު ކަސްޓަމްސް އިން ވަނީ 33 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު އަތުލައިގެންފައެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން 20،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ކަސްޓަމްސް އަށް ޑިކްލެއާ ކުރަންޖެހޭނެއެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ޔޫރޯ އާއި ޑޮލަރު ވަނީ ހިފަހައްޓައިފައެވެ. ދެ ފަހަރެއްގެ މަތިން އިންޑިއާގެ ރައްޔިތެއްގެ އަތުންނާއި ދިވެހި މީހެއްގެ އަތުން ފެނުނު އެ ފައިސާތަކުގެ ޖުމްލަ އަދަދު 1.7 މިލިއަން ރުފިޔާ އަރައެވެ.

Leave a comment

Your email address will not be published.