Sun, 29 March, 2020, 10:06 am
ޕްރޮބޭޝަންގެ މުއްދަތު ހަ މަހަށް، އެންމެ ދުވަހަކު ސަލާމް ބުންޏަސް އެމްސީ ހުށަހަޅަންޖެހޭ!

ވަޒީފާގައި ވަގުތީ ގޮތުން ބެހެއްޓޭނެ ނުވަތަ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކީ ދިގުވެގެން ހަ މަސް ދުވަސް ކަމަށް ވަޒީފާއާބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ކަނޑައަޅައިފިއެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ. އީސަ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. އެ މުއްދަތުގައި ނޯޓިހެއް ދިނުމަކާ ނުލައި ކޮންމެ ފަރާތަކަށްވެސް ވަޒީފާގެ އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ގާނޫނުގައި މިހާރު ބުނެފައިވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނީ ތިން މަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކަމަށެވެ.

އިސްލާހުގައި އިތުރަށް ބުނެފައިވަނީ ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެމުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތައް ލާޒިމު ނުވާނެ ކަމަށެވެ.

ވަޒީފާއާބެހޭ ގާނޫނު މިހާރު ބުނާ ގޮތުން ޑޮކްޓަރުގެ ސެޓްފިކެޓް ހުށަހަޅަން ޖެހޭނީ ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމް ބުނުމުންނެވެ.

އީސަ ހުށަހަޅާފައިވާ އިސްލާހުގައި ސާވިސް ޗާޖު ލިބޭނީ މަސައްކަތްކުރި ގަޑިއިރަކަށް ޖެހޭވަރު އެކަނި ކަމަށް ވެސް ވަނީ ބުނެފައެވެ. އެގޮތުން ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތެއްގެ މަތިން، މުވައްޒަފުންނަށް ސާވިސް ޗާޖު ބެހުމުގައި، ކޮންމެ މުވައްޒަފަކު މަސައްކަތްކުރި ގަޑިއިރަކަށް ނިސްބަތްކޮށް، އެ މުވައްޒަފަކަށް ހައްގުވާ މިންވަރު ސާވިސް ޗާޖުގެ ގޮތުގައި ދިނުމުގެ އިހްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށް އިސްލާހުގައިވެއެވެ.

ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، އިދާރީ ފީގެ ގޮތުގައި އެކެއް އިންސައްތަ ނެގިދާނެ ކަމަށް މިހާރު ހުށަހަޅާފައިވާ އިސްލާހްގައި ވެސް ބުނެފައިވެއެވެ.

Leave a comment

Your email address will not be published.