Sun, 29 March, 2020, 11:47 am
އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ތަހުގީގު ހިންގުމަށް، އޭރުން ހަގީގަތް ފެންނާނެ ކަމަށް!

މިހާރު ލީކުވެގެން އުޅޭ އޯޑިއޯތަކާއި ގުޅިގެން ތަހުގީގެއް ހިންގެވުމަށާއި އޭރުން ހަގީގަތް ފެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާންމުވަމުން އަންނައިރު އެ އޯޑިއޯތަކުގައި ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

އެކަމާ ގުޅިގެން އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އޭނާ ވަނީ މިއަދު އިތުރު ޓްވީޓެއް ކުރައްވާފައެވެ.

އެ ޓްވީޓުގައި އަލީ ވިދާޅުވީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށާއި މިއީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ހުތުރު ޖަރީމާއެއް ކަމަށެވެ.

“ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ. އަޅުގަނޑުގެ މައްޗަށް ވެސް ތަހުގީގު ހިންގަވާ. ހަގީގަތް ފެންނާނެ” އަލީ ވިދާޅުވިއެވެ.

އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ އޯޑިއޯތަކެއް ލީކުވާން ފެށީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭއެވެ. އެ ރެއިން ފަށައިގެން ރެއާ ހަމައަށް ފަސް އޯޑިއޯއެއް ވަނީ ލީކުވެފައެވެ.

Leave a comment

Your email address will not be published.