Sun, 29 March, 2020, 10:12 am
ގުޅީފަޅު ބަނދަރާއި މާލެ-ތިލަފުށި ބްރިޖުގެ އަމަލީ މަސައްކަތް ޖޫން މަހުގެ ކުރިން ފަށަނީ

ގުޅީފަޅުގައި ބައިނަލްއަގުވާމީ ބަނދަރެއް ގާއިމްކުރުމުގެ މަޝްރޫއު އަދި މާލެ-ތިލަފުށި ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

“މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް”ގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެއަށް ކުރަންހުރި ކަންތައްތަކުގެ ތެރޭގައި އެންމެ މުހިއްމު އެއްކަމަކީ މާލޭގެ ޕޯޓް، ގުޅިފަޅަށް ބަދަލުކުރުން ކަމަށެވެ. އަދި އެއާއެކު މުޅި މާލޭގެ މަލަމައްޗަށް ބޮޑު ބަދަލުތަކެއް އަންނަތަން ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

“މިއަހަރުގެ ޖޫން މަހުގެ ކުރިން މާލޭގެ ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢާއި، މާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅައިލުމުގެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،” ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ރައީސް ސޯލިހު ވަނީ، ގުޅިފަޅުގައި ބައިނަލްއަގްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓަޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. އަދި މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިނާއި ސާވޭގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި ބުރިޖުގެ އަމަލީ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއަށް 247 މިލިއަން ރުފިޔާ މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

އެގޮތުން އެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް، ބިޑަށް ލުމަކާ ނުލައި 53 މިލިއަން ޑޮލަރަށް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ މިހާރު ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ކުރަނީ ނެދަލެންޑްސްގެ އައިއެންޖީ ބޭންކުން ދޭ ލޯނަކުންނެވެ.

ގުޅީފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޒަމާނީ ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންސަލްޓެންސީ ދިނުމަށް ހަމަޖެއްސި ފަރާތާއެކު އެކަމުގެ އެއްބަސްވުމުގައި ވެސް މިހާރު ވަނީ ސޮއިކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑެންކާމުގެ ނިރާސް އަދި ނެދަލެންޑްސްގެ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ. މި ކުންފުންޏާއެކު، ސަބް-ކޮންސަލްޓަންޓުންގެ ގޮތުގައި ދިވެހި ތިން ކުންފުންޏެއް ކަމަށްވާ ވޯޓާ ސޮލިއުޝަންސް އާއި ކްލެރިއަން މޯލްޑިވްސް އަދި ބީޗުރޮކް ވެންޗާސް ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ގޮތުން މި ބަނދަރުގެ މަސައްކަތް 2022 ވަނަ އަހަރު ނިންމަން ވަނީ ކަނޑައަޅައިފައެވެ.

މި އަހަރަށް ފާސްކުރި ބަޖެޓްގައި ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމުގެ މަސައްކަތުގެ ތެރެއިން މާލެ-ތިލަފުށި ބްރިޖު އެޅުމަށް ހިމަނާފައިވަނީ 411 މިލިއަން ރުފިޔާއެވެ. އަދި މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ބްރިޖަށް އަބޫދާބީ ފަންޑުން ލޯނުގެ ގޮތުގައި 305.40 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށް ބަޖެޓުގައިވެއެވެ.

މި ބްރިޖުގެ މަސައްކަތް 2023 ވަނަ އަހަރު ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.

Leave a comment

Your email address will not be published.