Sun, 29 March, 2020, 11:42 am
ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ ރައީސް އޮފީސް
މެންބަރު ނަޝީދުގެ ތުހުމަތެއް: ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދިން!

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ތުހުމަތު ކުރައްވައިފިއެވެ.

މެންބަރު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ މަޖިލިސް މެންބަރުން މެދުވެރިކޮށް އެ ވާހަކަތައް އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

“ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދިންކަން އޮއްބާލަން މިއަދު އެމްޑީޕީ މެންބަރުން ލައްވާ ކުރީ ސަރުކާރު ކުރީ ސަރުކާރޭ މި ކިޔުވީ. ގާނޫނު އަރާ ހަމަކުރާނެކަން ދަންނާތި. ގޮނޑި ދުއްވަން މިފަހަރު ނުފޮނުވާނެ އޮންނަންޖެހޭނީ ޖަލުގައި،” މެންބަރު ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ކުއްޔަށް ދިނުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ މައްސަލަ ފުރަތަމަ ފެންމަތިވީ އާ ސީޕްލޭންގެ ބޮޑުބައެއް އެމްއޭސީއެލްއަށް ގެއްލުންވާ ގޮތަށް ޓީއެމްއޭއަށް ދިނުމަށް ނިންމާފައިވާ ކަމަށް ބުނެ އަޑުތައް ފެތުރެން ފެށުމުންނެވެ.

އެ މައްސަލައިގެ ތެރެއަށް ރައީސް ނަޝީދު ވެސް ވަނީ ވަންނަވައި، ސަރުކާރާއި ޓީއެމްއޭއަށް އެއްބަސްވެވޭ ގޮތަކަށް މައްސަލަ އަވަހަށް ނިންމުން މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް އެކަމާ ގުޅިގެން ވާހަކަފުޅު ދެއްކެވުމުން އެމަނިކުފާނަށް ވެސް ތުހުމަތުތަކެއް ކުރަން ފެށުނެވެ.

އެގޮތުން ޓީއެމްއޭއަށް ފައިދާވާ ގޮތަށް ރައީސް ނަޝީދު ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެއީ ޓީއެމްއޭގެ ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގައި ހިމެނޭ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި ރައީސް ނަޝީދުގެ ވަކީލު، ޖެރެޑް ޖެންސާ ހިމެނޭތީ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރިއެވެ.

Leave a comment

Your email address will not be published.