Sun, 29 March, 2020, 10:03 am
ޕީޖީ ޝަމީމް --- ފޮޓޯ/ މަޖިލިސް
އަދުހަމް، ގާސިމް މަރާލިކަން ޝަރީއަތަށް ސާބިތުކޮށްދޭނަން: ޕީޖީ

މުހައްމަދު އަދުހަމް, ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލިކަން ދައުލަތުން ޝާރީއަތުގައި ސާބިތުކޮށްދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް މުހައްމަދު އަދުހަމް އިއުތިރާފު ވުމަށްފަހު އެކަމަށް މިއަދު އިންކާރު ކުރިނަމަވެސް، ގާސިމް މަރާލިކަން ދައުލަތުން ޝާރީއަތުގައި ސާބިތުކޮށްދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ އެހެން ވިދާޅުވީ، ގާސިމް މަރާލި ކަމަށް މީގެ ކުރިން އަދުހަމް އިއުތިރާފި ނަމަވެސް އެ މައްސަލައިގައި މިއަދު ބޭއްވި އަވަސް ނިޔާގެ ޝަރީއަތުގައި، ގާސިމް މަރާލި ކަމަށް އަދުހަމް އިންކާރު ކުރުމުންނެވެ.

އަދުހަމް ވިދާޅުވީ، އޭނާ އެއްވެސް މީހަކު ގަސްދުގައި މަރާލާފައި ނުވާނެ ކަމަށާއި ގާސިމްގެ މަރަކީ އޭނާ ދެނަހުރި ކަމެއް ވެސް ނޫން ކަމަށެވެ. އަދި އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގައި އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރީ މަސްތުވާތަކެތި ދީފައި ކަމަށް ވެސް އަދުހަމް ބުންޏެވެ.

އެކަމާއި ގުޅިގެން ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއުތިރާފު އެއްބަސްވުމާ އެއްގޮތަށޤ ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އަދުހަމް މީހަކު މެރިކަން ޝަރީއަތަށް ސާބިތުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

“ޕީޖީ އޮފީހުން މި މައްސަލައިގައި ޝަރީއަތަށް ހެކި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، އިރާދަ ކުރެއްވިއްޔާ، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީއަތަށް ސާބިތުކޮށްދޭނަން،” ޕީޖީގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގަށާއި ކުރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ވެސް މީގެ ކުރިން އިއުތިރާފުވެފައިވެއެވެ.

އަދި އޭގެ ފަހުން މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި އަދުހަމް ވަނީ ގާސިމް މަރާލީ އޭނާ ކަމަށާއި އެކަމަށް ގާސިމްގެ ވާރިސުންގެ ކިބައިން މައާފަށް ވެސް އެދިފައެވެ.

Leave a comment

Your email address will not be published.