Sun, 29 March, 2020, 11:05 am
ބިލާލް ފިލިޕްސް ރާއްޖެ ގެންނާކަށް ނުފެނޭ: ނަޝީދު

ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެއްޖެއެވެ.

ކެނެޑާގެ މުސްލިމް ޓީޗަރެއް އަދި އިލްމުވެރިއެއް ކަމަށްވާ ބިލާލް ވިލިޕްސް ރާއްޖެއައުމަށް ދައުވަތު ދީފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާއަށް ދައުވަތު ދިނީ، ޒުވާނުނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭގޮތުން ދަރުސް ދިނުމަށެވެ. އަދި އެ ދައުވަތު ބިލާލް ގަބޫލުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެކަމާއި ގުޅިގެން އެމްޑިޕީގެ ބައެއް މެންބަރުން ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހިމެނެއެވެ.

އެކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. ފިލިޕްސް އަކީ ދީނީ ހެޔޮލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ. އެހެންކަމުން އެބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ވިދާޅުވެފައިވެއެވެ.

ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ވިދާޅުވެ އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔޫތް މިނިސްޓްރީން ޒުވާނުންނަން ރާވާ ދަރުހަކީ މުހިންމު ދަރުހެއް ކަމަށާއި ނަމަވެސް އެ ދަރުސް ދޭން ބިލާލަކީ އެންމެ ރަނގަޅު މީހާ ނޫން ކަމަށެވެ.

އެއީ އޭނާއަކީ ހަރުކަށި ފިކުރު ފަތުރާ، އަންހެނުންނާ ދެކޮޅަށް އަނިޔާ ކުރުމަށް ހިތްވަރުދީ، ޑިމޮކްރަސީއާ އިދިކޮޅު މީހެއް ކަމަށް އީވާ ވިދާޅުވެފައިވެއެވެ.

އިންތި ވެސް ވިދާޅުވީ، ބިލާލްގެ ހަރުކަށި ވިސްނުމާއި ގުޅިގެން ވަރަށް ގިނަ ގައުމުތަކުން އެގައުމަށް އޭނާ ވަނުން މަނާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ރާއްޖެ ގެނައުމަށް ވެސް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

ޖާނު ގޮއްވާލައިގެން ހަމަލާ ދިނުމާއި ޑިމޮކްރަސީ ފަދަ ކަންކަމުގައި ދެކިވަޑައިގަންނަވާ ގޮތުގެ ސަބަބުން ބިލާލް ފިލިޕްސް ވަނުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ޑެންމާކު، އޮސްޓްރޭލިއާ ހިމެނެއެވެ. އަދި ބަންގުލަދޭޝް އާއި ކެންޔާ އިން އޭނާ ޑީޕޯޓް ކޮށްލާފައިވާއިރު، ޓެރަރިޒަމަށް ރެކްރޫޓްކުރުމަށް ހިތްވަރުދީ ދަރުސް ދެއްވި މައްސަލައެއްގައި ފިލިޕީންސް އިން ބިލާލް ފިލިޕްސް ވަނީ ހައްޔަރު ކޮށްފައެވެ.

Leave a comment

Your email address will not be published.