Thu, 2 April, 2020, 2:40 am
ދެ އަހަރުގެ ކުއްޖާގެ ބައްޕަ ހައްޔަރުން ދޫކޮށްލައިފި

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަ ހައްޔަރުން ދޫކޮށްލައިފިއެވެ.

ކުއްޖާއަށް ޖިންސީގޯނާކުރި މައްސަލައިގައި އެކުއްޖާގެ ބައްޕަ، ގއ. ކަނޑުހުޅުދޫ/ ރިހިވެލި، އަބްދުއްސަލާމް ހައްޔަރުކުރީ ރަށުން މާލެ އައިސް ހުޅުމާލެ ފުލެޓެއްގެ ތެރޭގައި ހުއްޓައި މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭނާގެ މައްޗަށް ކުރަނީ ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތެވެ.

ފުލުހުން މިރޭ ބުނީ، ކުއްޖާއަށް ޖިންސީގޯނާ ކޮށްފައިވާކަން، އެނގިހުރެ އެކަން ކަމާބެހޭ އިދާރާތަކަށް ނާންގާ ކުއްޖާއަށް އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުއްޖާގެ ބައްޕަގެ އިތުރުން މަންމައަށް ވެސް ދައުވާކޮށްދިނުމަށް އެދި މިދިޔަ އާދީތައް ދުވަހު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅިފައިވާތީ، ޕީޖީ އޮފީހާ މަޝްވަރާކުރުމަށްފަހު އިއްޔެ މެންދުރުފަހު 2:30 ގައި ކުއްޖާގެ ބައްޕަ ހައްޔަރުން ދޫކުރެިވައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ކުއްޖާގެ ބައްޕަ ހައްޔަރުން ދޫކޮށްލީ ކީއްވެގެން ކަމެއް އަދި ކުއްޖާގެ މަންމަ ހުރީ ހައްޔަރުގައި ކަމެއް ފުލުހުން ނުބުނެއެވެ.

ދެ އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ/ ރިހިވެލި، އިބްރާހީމް ދީދީ 62، އާއި ކުއްޖާގެ މުނިކާފަ ގއ. ކަނޑުހުޅުދޫ/ އަންނާރުމާގެ، ހަސަން މޫސާދީދީ، 82 ވެސް ހައްޔަރުކުރިއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އެ ދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ނަމަވެސް މިދިޔަ ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޖީ ހުސެއިން ޝަމީމް ވަނީ، ދެ އަހަރުގެ ކުއްޖާއަށް ޖިންސީގޯނާ ކުރި މައްސަލައިގައި ކުއްޖާގެ އާއިލާއިންވެސް ކުއްޖާއަށް އިހުމާލުވެފައިވާ މީހުން ފާހަގަވެފައިވާ ކަމަށެވެ. އަދި އެމީހުން ހައްޔަރު ނުކުރި ނަމަވެސް އެމީހުންނަށް ދައުވާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޝަމީމު ވިދާޅުވިއެވެ.

Leave a comment

Your email address will not be published.