Thu, 2 April, 2020, 1:52 am
ފަނޑިޔާރުގެ އިސްލާހު ކުރަނީ ތެދުވެރި ނިޔަތެއްގައި، ނުފޫޒެއް ނުފޯރުވާނަން: ރައީސް

ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން މިއުޅެނީ، ވަރަށް އިހުލާސްތެރި ތެދުވެރި ނިޔަތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު، ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް ފެށީ ރައްޔިތެއްގެ ކިތަންމެ ކުޑަ ހައްގެއް ބަޔަކު ނިގުޅައިގަތަސް، ފަނޑިޔާރުގެއިން އެ ހައްގެއް އަނބުރައި ހޯދައިދޭނެ ކަމުގެ، އިތުބާރާއި ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.

އެގޮތުން މިއަދު ދައުލަތް ހިނގަމުން ދަނީ ދައުލަތުގެ ތިން ބާރަށް ގާނޫނުއަސާސީން ކަނޑައަޅައިދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް، އަޅުގަނޑުމެން ނުކުރާނެ ކަމަށާއި އެފަދަ ކަމެއް އެމަނިކުފާނު ވެސް ނުކުރައްވާނެ ކަމަށެވެ.

“އަޅުގަނޑުމެން ރައްޔިތުންނަށް ވައުދުވީ، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ ފަނޑިޔާރުގެއެއް ގާއިމުކޮށްދިނުމަށް. ސަރުކާރު ކުރިއަށް މިދަނީ އެ ވައުދުގެ މަތީގައި. ފަނޑިޔާރުގެ އިސްލާހު ކުރުމަށް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އަދިވެސް ކުރަން ހުރި ވަރަށް ގިނަ ކަންތައްތައް އެބަހުރި،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރުމަކީ، ތިމާމެންގެ އިސް ވާޖިބު ކަމުގައި، އަމިއްލަ ނަފްސަށް ގަބޫލުކުރާ ފަނޑިޔާރުންތަކެއްގެ މައްޗަށް، ޝަރުއީ ނިޒާމު ބައްޓަންވުމަކީ، ގައުމެއްގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

Leave a comment

Your email address will not be published.