Thu, 2 April, 2020, 1:45 am
ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއާއެކު އަމާލް ބައިވެރިވުމަކީ ލިބޭ އުފަލެއް: ނަޝީދު

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތުގައި އަމާލް ކުލޫނީ ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އިސްލާމީ ގައުމުތަކުގެ ފަރާތުން ގެމްބިއާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަމާލްއާއެކު އެ  މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން އިއުލާންކުރީ ޖެނީވާގައި ކުރިއަށްދިޔަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެގޮތުން އެ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަދެ ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ ބޭފުޅަކަށް އަމާލް ހަމަޖެއްސީ، އޭނާއަށް ފައިދާތަކެއް ހޯދައިދިނުމަށް ކަމަށް އިދިކޮޅުން ބުނަމުންދިޔައެވެ.

އަދި އެ މައްސަލައަކީ ރާއްޖެ ވެސް ހިމެނޭ އޯއައިސީގެ ފަރާތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިއަސް އަށް ހުށަހެޅި މައްސަލައެއް ކަމުން ރާއްޖެއިން ވަކިން އެ މައްސަލައަށް ވަނުމުގެ ބޭނުމެއް ނެތް ކަމަށް ބައެއް މީހުން ބުނެއެވެ.

އެކަމާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް އެއްޗެއް ވިދާޅުވެ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޮހިންޔާ މުސްލިމުންގެ ހައްގުގައި ރާއްޖެއިން ކުރާ ހަނގުރާމައިގައި އަމާލް ބައިވެރިވެ މަސައްކަތް ކުރުމަކީ އެމަނިކުފާނަށް ލިބޭ އުފަލެއް ކަމަށެވެ.

“ހެޔޮ ލަފާ މުސްލިމުންގެ ހައިސިއްޔަތުން، މުސްލިމުންގެ އަހުންނާއި އުހުތުންނަށް އެހީވުމަކީ ދިވެހިންގެ ޒިންމާއެއް. އަދި އެކަން ދިވެހިންނާ އެންމެ ގާތުން ފެށުމަކީ އެންމެ ރަނގަޅު ގޮތް،” ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އިންސާނީ ހައްގުތަކާ ގުޅުން ހުރި ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން މަސައްކަތްކުރައްވާފައިވާ އަމާލް ކުލޫނީއަކީ މިޔަންމާގައި ހައްޔަރުކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ ގާނޫނީ ޓީމުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ނަމަވެސް އޭނާގެ ފީ ސަރުކާރުން ހާމައެއް ނުކުރެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ރާއްޖޭގެ ފަރާތުން އަމާލްއަށް ފީއެއްގެ ގޮތުގައި ދޭނީ މަސައްކަތް ކުރައްވާ ކޮންމެ ގަޑިއިރަކަށް 30،000 ރުފިޔާގެ މަގުންނެވެ. އެހެން ނަމަވެސް މި އަދަދު ރަސްމީ އެއްވެއް އިދާރާއަކުން ޔަގީނެއް ނުކޮށްދެއެވެ.

Leave a comment

Your email address will not be published.