Thu, 2 April, 2020, 12:52 am
އަންހެނުންނަށް ގޮނޑިތައް ހާއްސަކުރާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް ސިޓީ ކައުންސިލްގެ ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަނުކުރެވޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ.

އޭނާ ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލު އިސްލާހުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ.

ނަމަވެސް އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އަންގައި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ފޮނުވި ލިޔުމުގައިވާ ގޮތުން އެ މައްސަލަ އެކޯޓުން ބަލައިނުގަތީ ގާނޫނެއްގެ ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނާތީ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ބުނެފައިވެއެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ވަނީ ޔަގީން ވެފައެވެ.

Leave a comment

Your email address will not be published.