Tue, 7 April, 2020, 5:16 pm
ކުޅުދުއްފުށީ ރޯހައުސްތައް މަރާމާތު ކުރަން ބަޔަކާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި އިމާރާތް ކޮށްފައިވާ ރޯހައުސް މަރާމާތު ކުރަން ފެނަކަ ކޯޕަރޭޝަނުން ބަޔަކާ ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކުރަން ހައުސިން މިނިސްޓްރީން ފެނަކައާ ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި 23 މިލިއަން ރުފިޔާއަށެވެ. އެއީ ގާތްގަނޑަކަށް ހަ މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަސައްކަތުގެ ދަށުން ރޯހައުސްތަކަށް ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. އޭގެ އިތުރުން ގެތަކުގެ ސީލިން ހަލާކުވެފައި ހުރުމުން މަރާމާތު ކުރުމާއި އެހެނިހެން ބައެއް މަރާމާތުތައް ވެސް ހިމެނެއެވެ.

އެގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ އިން ރޯހައުސްތައް މަރާމާތު ކުރަން ހަވާލުކުރީ ޓިކް ޓަކް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. ޓިކް ޓަކް އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްލަމެވެ.

ފެނަކަ އިން ބުނީ، ކުޅުދުއްފުށީ ރޯހައުސްތަކުގެ މަރާމާތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 11.5 މިލިއަން ރުފިޔާއަށް ތިން މަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެއީ މިއަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ޖުމްލަ 166 ރޯހައުސް އިމާރާތްކުރިއެވެ. އެއީ ހިއްކި ސަރަހައްދުގައި އެޅި 100 ރޯހައުސް އާއި އެ ރަށު ޖަލާލުންދީން ސްކޫލު ކައިރީގައި އިމާރާތްކުރި 18 ރޯހައުސް އަދި އެހެން ސަރަހައްދެއްގައި އެޅި 40 ރޯހައުސްއެވެ.

Leave a comment

Your email address will not be published.