Thu, 2 April, 2020, 2:05 am
މޯލްޑިވް ގޭހުގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރު ދީފި

މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު އިއުލާނުކުރި ގޮތަށް އެ ކުންފުނީގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރު ދީފިއެވެ.

އެ ކުންފުނިން ނިންމާފައިވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރު ދޭށެވެ.

އިއްޔެ މޯލްޑިވް ގޭސްގައި ބޭއްވި ރަސްމިއްޔާތެއްގައި، މިއަހަރުގެ ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ އެކަމުގެ ލިޔުން ހަވާލުކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ.

މި ދަތުރު ލިބުނީ ފޯމަނެއްގެ ގޮތުގައި އެ ކުންފުނީގައި ވަޒީފާ އަދާކުރާ މުހައްމަދު ވަހީދަށާއި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ އަލީ ވަހީދަށެވެ.

މޯލްޑިވް ގޭހުން ބުނީ ހައްޖު ދަތުރު ދިނުމުގައި އިސްކަން ދީފައިވަނީ ޕާފޯމެންސް ރަނގަޅު، ކުންފުންޏަށް ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް ކަމަށެވެ.

އެގޮތުން ހައްޖު ދަތުރުދިން ޑްރައިވަރަކީ މޯލްޑިވް ގޭހުގައި ވަޒީފާ އަދާކުރަމުންދާތާ 21 އަހަރު ވެފައިވާ މުވައްޒަފެކެވެ. އަދި ހައްޖު ދަތުރު ލިބުނު ފޯމަނަކީ އެކުންފުނީގައި ވަޒީފާ އަދާކުރަމުންދާތާ 15 އަހަރު ވެފައިވާ މުވައްޒަފެކެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި މި ހައްޖު ދަތުރަކީ މުވައްޒަފުން ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި، މުވައްޒަފުން ކުރިއެރުވުމަށް މުހިންމު އިތުރު ހަރަކާތްތައް ހިންގުމަށް ރާވައިފައިވާ ކަމަށެވެ.

މޯލްޑިވް ގޭހުން މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ހައްޖު ދަތުރަށް އެދުމުގެ ފުރުސަތު ހުޅުވާލާނެއެވެ. މި ދަތުރު ލިބޭނީ ފޯމު ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ދެ މުވައްޒަފަކަށެވެ.

އެގޮތުން މި ދަތުރަށް އެދި ފޯމު ލާ މުވައްޒަފުންނަކީ ޕަފޯމެންސް ރަނގަޅު، ކުންފުންޏަށް ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް ވާންޖެހޭނެއެވެ.

މޯލްޑިވް ގޭހުން އަންނަނީ ކޮންމެ އަހަރަކު މުވައްޒަފުންނަށް ބޯނަސް ވެސް ބަހަމުންނެވެ.

Leave a comment

Your email address will not be published.