Thu, 2 April, 2020, 1:03 am
ހާސް ނުވޭ! ކާޑާއި ބޭސް ހުސްނުވެ ލިބޭނެ، އިތުރަށް ވެސް އެބަ ގެންނަން: އެސްޓީއޯ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19އާ ގުޅިގެން ރާއްޖޭން ކާޑުގެ ބާވަތްތައް ހުސްވެދާނެތީ، ރައްޔިތުން ހާސްވާނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި ކާޑާއި ބޭސް ހުސްނުވާ ވަރަށް އެސްޓީއޯގައި އެބަހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ، އެކުންފުނިން މަސައްކަތް ކުރަނީ އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ.

އަދި ކޮވިޑް-19 އަކީ ރާއްޖެއަށްވެސް އަންނާނެ އެއްޗެއްކަން އެންމެންވެސް ދަންނަންވާނެ ކަމަށާއި އަދި  އެފަދަ ހާލަތަކަށް ވެސް އެސްޓީއޯ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

އެގޮތުން އިންޑިއާއިން ސާޖިކަލް މާސްކާއި ބައެއް ބޭސްތައް އެކްސްޕޯޓުކުރުން މިހާރު މަނާ ކުރި ނަމަވެސް، ރާއްޖެއަށް އެހެން ގައުމުތަކުން ވެސް ބޭސް އެތެރެކުރާތީ ބޭސް ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން ރާއްޖެއަށް ބޭސް ލިބޭނެ ގޮތްތަކެއް ހަމަޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށް އަމްރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކާޑުގެ ބާވަތްތަށް މަދުނުވާ ވަރަށް އެބަހުރި ކަމަށެވެ. އަދި ކާޑު ފަދަ ބާވަތްތައް ގިނަ އަދަދަކަށް ގަންނަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް މާސްކާއި ސެނިޓައިޒާ އެބަހުރި ކަމަށާއި ކޮވިޑް-19 ބަލީގެ މީހަކު މާލެ އިން ނުވަތަ އަތޮޅު ތެރެއިން ފެނުނަސް އެ ކުންފުނިން ކާޑު ވިއްކުން ހުއްޓައެއް ނުލާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

“އަދި އެކަމަކު ކޮންމެ ގެއަކީ ކާޑު ގުދަނަކަށް ހަގީގަތުގައި ހަދާކަށް ޖެހޭ ވަގުތެއް ނޫން މިއީ. އަޅުގަނޑުމެން މިހާރު ވެސް ކާ ގޮތަށް ކާ ކަމަށް ވަނީ ނަމަ އެއްވެސް ކަހަލަ މައްސަލައެއް ދިމަލެއް ނުވާނެ،” އޭނާ ވިދާޅުވިއެވެ.

އަމްރު މިހެން ވިދާޅުވެފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ހާލަތަކަށް ވިސްނައި ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތަށް ގެނައުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު އާދަމް ޝަރީފް އުމަރު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދާފައެވެ.

Leave a comment

Your email address will not be published.