Tue, 7 April, 2020, 6:27 pm
މުވައްޒަފުންނަށް ހިތްވަރު ދެއްވުމަށް، މޯލްޑިވް ގޭހުގެ އެކްޓިން އެމްޑީ ގޭސް ޑެލިވަރީގައި

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހަލުވިކަމާއެކުގައި ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާއިރު މިދަނޑިވަޅުގައި ސަރުކާރުގެ ކުންފުނިތަކުން އަންނަނީ ރައްޔިތުންނަށް ހިދުމަތްތައް ދެމުން އަންނަ ގޮތްތަކަށް ބަދަލުތައް ގެންނަމުންނެވެ.

ބައެއް ކުންފުނިތަކަކީ ބުރަ މަސައްކަތްތަކެއް ކޮންމެ ދުވަހަކު ވެސް ކުރަމުން އަންނަ ކުންފުނިތަކެކެވެ. އެގޮތުން މޯލްޑިވް ގޭހަކީ މިފަދަ ބުރަ މަސައްކަތް ކުރާ އެއް ކުންފުންޏެވެ. ކޮންމެ ދުވަހަކު ވެސް ގޭގެއަށް ގޭސްފުޅި ފޯރު ކޮށްދިނުމުގެ ގޮތުން އެކުންފުނީގެ މުވައްޒަފުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދިވެސް މާލޭގެ ބައެއް އިމާރާތްތަކަކީ ލިފްޓު ހުންނަ އިމާރާތްތަކެއް ނޫން ކަަމަށްވާއިރު އެއްވެސް ޝަކުވާއެއް ނެތި އެ ކުންފުނީގެ މުވައްޒަފުން ކިތަންމެ މައްޗަށް އަރަން ޖެހުނު ނަމަވެސް ގޭސްފުޅި ކޮނޑަށް އަރުވައިގެން އާއްމުންނަށް އެ ހިދުމަތް އަންނަނީ ފޯރު ކޮށްދެމުންނެވެ.

މިއަދު ގައުމު އޮތީ މުޅިން އެހެން ހާލަތެއްގައެވެ. ނަމަވެސް މޯލްޑިވް ގޭހުން ބުނަމުން ދަނީ މި ހާލަތުގައި ވެސް ރައްޔިތުންނަށް އެކުންފުނިން ދެމުން ގެންދާ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ކަމަށެވެ. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ.

މިއަދު މޯލްޑިވް ގޭހުން ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. ސަރުކާރު ބަންދުވެ ގިނަ އޮފީސްތަކުގެ ހިދުމަތް އޮންލައިންކުރި ނަމަވެސް ކަސްޓަމަރުން ގާތަށް ގޮސް ހިދުމަތް ދޭންޖެހޭ އެކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މުވައްޒަފުންނާއި ބައިވެރިވެ ގޭސް ޑެލިވަރީ ކޮށްދިނުމުގައި ކުންފުނީގެ ވެރިން ވަނީ ބައިވެރިވެފައެވެ.

އެގޮތުން ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމާއި މެނޭޖްމަންޓުގެ އިސްވެރިންނާއި ކުންފުނީގެ އެކި ޑިޕާޓުމަންޓުގެ ވެރިން މިއަދު ވަނީ ގޭސް ޑެލިވަރީ ކުރުމުގައި މުވައްޒަފުންނާއެކު އަމަލީ ގޮތުން ބައިވެރިވެފައެވެ.

މިއީ މިފަދަ ބުރަ މަސައްކަތްތަކެއް ކޮންމެ ދުވަހަކު ވެސް ކުރަމުން އަންނަ އެ ކުންފުނީގެ މުވައްޒަފުންނަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ގޮތުން މެނޭޖުމަންޓަކަށް ކޮށްދެވޭނެ މުހިއްމު ކަމެކެވެ.

މޯލްޑިވް ގޭހުން ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން، މިއަދުން ފެށިގެން އެއް ހަފްތާގެ ނިޔަލަށް ސަރުކާރު ބަންދު ކުރި ނަމަވެސް މޯލްޑިވް ގޭހުގެ ހިދުމަތް ދޭނެ ކަމަށް ބުނެފައެވެ.

Leave a comment

Your email address will not be published.