Sat, 6 June, 2020, 4:50 pm
މިފަދަ ވަގުތުތަކުން ސަލާމަތް ވެވޭނީ ދުއާ ކުރުމާއި އިސްތިއުފާރު ކުރުން ގިނަކޮށްގެން
82

ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ މިފަދަ ނުރައްކާތެރި ދަނޑިވަޅުތަކުން ސަލާމަތްވެވެން އޮތް މަގަކީ އެފަދަ ހާލަތުން މިންޖުވޭތޯ ﷲގެ ހަޟްރަތުގައި ދުއާ ދަންނަވައި، އިސްތިއުފާރު ކުރުން ގިނަކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ސާފުތާހިރުކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ސިއްހީ މާހިރުން ދޭ ލަފަޔާއި އިރުޝާދުތައް ބަލައިގަނެ އެއަށް އަމަލުކުރުމަކީ ލާޒިމް ކަމެކެވެ. އެގޮތުން ރައްޔިތުން ކަންބޮޑުވެ މާޔޫސްވާ ފަދަ ވާހަކަތައް ނުދެއްކުމާއި ސާބިތު ނުހިފޭ ދޮގު ހަބަރުތައް ނުފެތުރުމާއި ތަންތަނަށް އެއްވެ، ގައިގޯޅިވެ ނޫޅުމަށް އެ ފަރާތްތަކުން ކެނޑިނޭޅި ނަސޭހަތްތެރި ވަމުންދާކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

އަދި އެފަދަ އިރުޝާދުތަކަށް އަމަލުކުރުމާއެކު އެންމެހައި ފާފަތަކުން ދުރުހެލިވެ މުޅި ދުނިޔެއަށް ދިމާވެފައިވާ މި ނުރައްކާތެރި ހާލަތުން މިންޖުވޭތޯ ﷲގެ ހަޟްރަތުގައި ދުއާ ދަންނަވައި އިސްތިއުފާރު ކުރުން ގިނަ ކުރުމަށް ހުތުބާގައި ގޮވާލެއްވިއެވެ. އެހެނީ އެއީ މިފަދަ ނުރައްކާތެރި ކަންކަމުން ސަލާމަތްވެވެން އޮތް މަގު ކަމަށް ވިދާޅުވިއެވެ.

ކީރިތި ރަސޫލާއާ ސުވާލު ދެންނެވުނެވެ. (ފިތުނަތަކާއި ނުރައްކާތެރި ހާލަތްތަކުގައި) ސަލާމަތްކަން ލިބެން އޮތީ ކޮން ކަމަކުންތޯއެވެ. ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތިބާގެ ދޫ ރައްކާތެރިކުރާށެވެ! އަދި ތިބާގެ ގެއަކީ ތިބާއަށް ތަނަވަސްވެ ފުދިގެންވާ ތަނެއް ކަމުގައި ހަދާށެވެ! އަދި ތިބާގެ ފާފަތަކުގެ މައްޗަށް ދެރަވެ ރޮއެ އުޅޭށެވެ!”

ހުތުބާގައި ވިދާޅުވީ، އިސްލާމް ދީނުގައި ސާފުތާހިރުކަމަށް ބާރުއަޅުއްވާފައިވަނީ ހަމައެކަނި އަޅުކަންތަކުގައި އެކަންޏެއް ނޫން ކަމަށާއި އިންސާނާގެ ހަށިގަނޑާއި ފޭރާމާއި އާންމު ދިރިއުޅުމާއި ދިރިއުޅޭ ގެއާއި ގޯތިތެރެ އާއި ވެއްޓާއި މުޅި އިންސާނީ ވެށި ސާފުތާހިރު ކުރުމަށް އިސްލާމް ދީން ބާރު އަޅާ ކަމަށެވެ.

އެގޮތުން ﷲގެ ހަޟްރަތުގައި ލޮބުވެތި މީހަކަށް ވެވޭނީ ތިމާގެ އެތެރެފުށް ކިބުރުވެރިކަމާއި ބޮޑާކަމާއި ޝިރްކުގެ މުޑުދާރުކަމުން ތާހިރު ކޮށްގެންނާއި ތިމާގެ ބޭރުފުށް ސާފުތާހިރުކޮށް ބެހެއްޓުމާއެކު ހަލާލު ތަކެތި ކައިބޮއި އުޅުމާއި އެންމެހައި ނުތާހިރު ގޮތްތަކުން ދުރުވެގެން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ސިއްހީ ކަންތައްތަކާއި ސާފުތާހިރުކަމަށް އިހުމާލުވެވޭނަމަ އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ބަލިތައް ފެތުރި، ނުރައްކާތެރި ވަބާތައް އާންމުވެ ސިއްހީ އެތަކެއް މަސްއަލައެއް އުފެދޭނެކަން ކަށަވަރު ކަމަށެވެ. އެހެންކަމުން ތަފާތު ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.