Tue, 7 April, 2020, 7:08 pm
ފެނުގެ ދުވަހުގައި ފެން ކުންފުނިން އެދުން: ފެން އިސްރާފު ނުކޮށް، ގިނައިން އަތް ދޮވޭ

މިއަހަރުގެ ބައިނަލްއަގްވާމީ ފެނުގެ ދުވަހާ ގުޅިގެން ކޮވިޑް 19އިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުވުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ފެނުގެ ދުވަސް ފާހަގަކުރުމަށް އެމްޑަބްލިޔުއެސްސީން ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނައިރު، މިއަހަރުގެ ފެނުގެ ދުވަހުގެ މައިގަނޑު ހަރަކާތްތައް އަމާޒުކޮށްފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ބައްޔާމެދުގައި ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވައި ސާފުތާހިރުކަމަށް ބާރު އެޅުމަށެވެ.

އެގޮތުން ކޮވިޑް 19 އިން ސަލާމަތްވުމަށް ސިއްހީ މާހިރުން ރައްކާތެރިކަމާއެކު އަތްދޮވުމަށް ލަފާދޭއިރު އެމްޑަބްލިޔުއެސްސީން އެކަން ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށްފައެވެ. އެއީ:

އަތްތިލަ މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން އަތްދޮވުން

ސައިބޯނިން ދެ އަތް އުނގުޅާއިރު އަތްތިލައިގެ ފަހަތް، އިނގިލިތަކުގެ ދޭތެރެ، ނިޔަފަތިތަކުގެ އަޑި ހިމެނުން

ފެން އިސްރާފު ނުވާގޮތަށް، ސައިބޯނި ލައިގެން 20 ސިކުންތު ވަންދެން އަތް އުނގުޅާއިރު ފެން އިސްކުރު ބަންދުކުރުން

އަތް ދޮވުމަށްފަހު ޓިޝޫއަކުން ނުވަތަ ސާފު ތުވާއްޔަކުން ރަނގަޅަށް އަތް ހިއްކާލުން

 ސައިބޯންޏާއި އިސްކުރުފެން ނެތް ހާލަތެއްގައި މަދުވެގެން 60 ޕަސެންޓް އަލްކަހޯލް ހިމެނޭ ސެނިޓައިޒާ ބޭނުން ކުރުން. އަދި ސެނިޓައިޒާ ބޭނުންކުރާއިރު ވެސް 20 ސިކުންތު ވަންދެން އަތްތިލައިގެ ހުރިހާ ދިމާލެއް އުނގުޅުން

ގިނަގިނައިން އަތް ދޮންނަން ބާރު އެޅުމުގެ އިތުރުން އަތް ދޮވުމަށް އިތުރަށް ސަމާލުކަންދޭން ދަނޑިވަޅުތައް ވެސް އެމްޑަބްލިއެސްސީން ފާހަގަކުރެ އެވެ.

އެގޮތުން ކެއްސައި ކިނބިހި އެޅުމާއި ނޭފަތް ފޮޅާލުމަށްފަހު އަދި އާންމުން އެއްވެ އުޅޭތަނަކަށް ދިއުމަށްފަހު އަތް ދޮވުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްޑަބްލިޔުއެސްސީން އިލްތިމާސް ކުރެއެވެ.

އޭގެ އިތުރުން ގެއިން ބޭރުގައި ތަނެއްގައި އަތްލުމަށްފަހު ނުވަތަ ފައިސާގައި އަތްލުމަށްފަހު އަތް ދޮވުމަށާއި ބަލި މީހަކަށް އެހީތެރިވުމުގެ ކުރިންނާއި ބަލިމީހާ ބަލަމުންދާ ވަގުތު އަދި އޭގެ ފަހުން އަދި ކެއްކުމުގެ ކުރިންނާއި ފަހުން އަތް ދޮވުމަށް ވެސް ފެން ކުންފުނިން އެދެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އާންމު ސާފުތާހިރުކަމަށްޓަކައި އެ ނޫން ހާލަތްތަކުގައި ވެސް އަތް ދޮވުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.

އެގޮތުން ފާހަނާ ބޭނުން ކުރުމަށްފަހު، އުކާލެވޭ ތަކެތީގައި އަތްލުމަށްފަހު، ގެންގުޅޭ ޖަނަވާރުގައި އަތްލުމަށްފަހު އަދި ފެންނަ ފެނުމަށް އަތްތިލަ ހަޑިވެފައި ހުރިނަމައާއި ތުއްތު ކުދިންގެ ނެޕީ ބަދަލު ކުރުމަށްފަހު އަތް ދޮވުމަށް ބާރު އަޅާފައިވެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ދިރިއުޅުމުގައި ފެނަކީ މުހިންމު އެއްޗަކަށްވާއިރު ސާފު ރައްކާތެރި ބޯފެން އިސްރާފު ނުކޮށް ބޭނުންކުރަން އާދަކުރަންޖެހޭ ކަމަށެވެ. އަދި ސާފު ރައްކާތެރި ބޯފެން ހޯދުމަށް އެތައް ސަތޭކަ މޭލަކަށް ދަތުރުކުރަންޖެހޭ ބަޔަކު ވެސް މިދުނިޔޭގައި ދިރިއުޅެމުން އަންނަކަން ހަނދާން ކުރަންޖެހޭ ކަމަށް އެ ކުންފުނިން އެދެއެވެ.

Leave a comment

Your email address will not be published.