Tue, 7 April, 2020, 6:56 pm
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު ރަށަކަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ --- ފޮޓޯ/ ފެނަކަ މީޑިއާ
މުސާރަ ކުޑައެއް ނުކުރަން، ނޯޕޭ ޗުއްޓީއަށް ވަނީ ހުޅުވާލާފައި: ފެނަކަ

ކޮވިޑް 19އާ ގުޅިގެން ފެނަކައިގެ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ފެނަކައިން މިއަދު ބުނީ، ކޮވިޑް 19އާ ގުޅިގެން ފެނަކައިގެ އެއްވެސް މުވައްޒަފެއްގެ މުސާރައަށް އަދި ދެމުންދާ އެލަވެންސަކަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާ ކަމަށެވެ.

އެކުންފުނިން ފޯރުކޮށްދެމުންދާ އެއްވެސް ހިދުމަތެއް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުންފުނިން ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

ނަމަވެސް މިދަނޑިވަޅުގައި ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނޯޕޭއަށް އެދެމުން ދިއުމާ ގުޅިގެން ވަކި ތަރުތީބަކުން އަދި ކުންފުނީގެ ހިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ޗުއްޓީގެ ކަންތައް ހަމަޖައްސަމުންދާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެހެންކަމުން ނޯޕޭއަށް އެދޭ މުވައްޒަފުން އެކަން އެކުންފުނީގެ އެޗްއާރަށް އެންގުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން ފެނަކައިން އެދެއެވެ.

ފެނަކައިން އެކުންފުނީގެ ހުރިހާ ބުރާންޗުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މުސާރަ ނުހިނގާ ގޮތަށް 30 ދުވަހުގެ ޗުއްޓީއެއް ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކޮވިިޑް 19އާ ގުޅިގެން ފެނަކައިން ވަނީ އެކުންފުނީގައި މަސައްކަތްކުރާ މާބަނޑު މީހުން ގޭގައި މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައިދީފައެވެ.

Leave a comment

Your email address will not be published.