Tue, 7 April, 2020, 5:56 pm
ރޮހިންޔާ މައްސަލާގައި ޝާހިދު ގެމްބިއާގެ ފޮރިން މިނިސްޓަރާ މަޝްވަރާ ކުރައްވައިފި

ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދަ ގެމްބިއާގެ ފޮރިން މިނިސްޓަރު ޑރ. މަމަޑޫ ޓަންގާރާއަށް ފޯނުން ގުޅުއްވައި، މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި މަޝްވަރާތަކުގައި ‎އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމުގެ މައްސަލައަށް ރާއްޖެއިން ތަދައްހުލްވުމަށް ނިންމަވާފައިވާ ނިންމުމަށް މިނިސްޓަރު ޝާހިދު އަލިއަޅުވާލެއްވި ކަމަށެވެ.

އެގޮތުން އެ މައްސަލައަކީ މުހިންމު މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށާއި އެހެންކަމުން އެ މައްސަލައިގައި ގެމްބިއާ އާއެކު ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށާއި އަދި އެ މައްސަލައިގައި ރާއްޖެއިން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދިއުމުގައި ގެމްބިއާގެ މަޝްވަރާ އާއި އިރުޝާދު ހޯދަމުން ގެންދަވާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ޝާހިދު އެރުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ‎މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ގެއްލެމުންދާ މައްސަލައަކީ ރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުންދާ މައްސަލައެއް ކަމަށެވެ.

އެ މައްސަލައަށް ރާއްޖެއިން‎ ތަދައްހުލުވީ އެމަސައްކަތުގައި އިތުރަށް އަމަލީގޮތުން ބައިވެރިވުމުގެ މަގްސަދުގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް ގެމްބިއާ ސަރުކާރާއި އޯއައިސީން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރު ޝާހިދު ވަނީ ހިތްވަރު ދެއްވައިފައެވެ.

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންގާ މުސްލިމުން ހިމާޔަތްކުރުމަށް އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްހުލްވާނެކަން ދިވެހި ސަރުކާރުން އިއުލާންކުރީ ޖެނީވާގައި މިދިޔަ މަހު ކުރިއަށްދިޔަ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައެވެ.

އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވާނީ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމާލް ކްލޫނީއެވެ.

Leave a comment

Your email address will not be published.