Fri, 5 June, 2020, 12:47 am
ކޮވިޑް 19ގެ ހާއްސަ ހޮސްޕިޓަލަކަށް ޓްރީޓޮޕް ހަދަން އަގަކާ ނުލައި އެތަން ސަރުކާރަށް
172

ކޮވިޑް 19އާ ގުޅިގެން އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެ ބައްޔަށް ފަރުވާ ދެވޭނެ ހާއްސަ ހޮސްޕިޓަލަކަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ބަދަލުކުރަން އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުން ނިންމައިފިއެވެ.

“ހަފްތާ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ މެނޭޖްމަންޓުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ހޮސްޕިޓަލް ސަރުކާރަށް ދޭން ނިންމީ އޮޕަރޭޝަނަލް ހުރިހާ ހަރަދަކާއެކުއެވެ. އެގޮތުން އެތަން އެމަޖެންސީ ހާލަތެއްގައި ބޭނުންކުރަން 200 އެނދުގެ އައިސީޔޫއެއް ވެސް ގާއިމް ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ސިއްހީ ހިދުމަތް ރާއްޖޭގައި ދިނުމުގެ އަމާޒާއެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވީ 2018 ވަނަ އަހަރުގެ މާޗު އެއްވަނަ ދުވަހުއެވެ.

ޓްރީ ޓޮޕް އިންވެސްޓްމަންޓުން 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް އެންމެ ފުރަތަމަ ހިންގަން ހަވާލުކުރީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީއާއެވެ.

ނަމަވެސް ނޮވެމްބަރު 2018 ގައި އެ ދެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލްކޮށް ހޮސްޕިޓަލްގެ މެނޭޖްމަންޓުން އެތަން ހިންގަން ފެށިއެވެ.

މަތީ ފެންވަރުގެ ވަސީލަތްތަކާއި ގިނަ ސްޕެޝަލިސްޓުންނާއެކު ޚިދުމަތް ދޭ ޓްރީޓޮޕްގައި ބަލި މީހުން އެޑްމިޓް ކުރަން ތަފާތު ފަސް ކެޓަގަރީގެ 159 ކޮޓަރި ހުރެއެވެ. އެ ގޮތުން ދެ މީހުން އެޑްމިޓްކުރެވޭ 30 ކޮޓަރި އާއި އެކަކަށް ހިދުމަތް ދެވޭ ގޮތަށް ހަދާފައިހުރި 57 ކޮޓަރި އާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް އެ ހޮސްޕިޓަލުގައި ހުރެއެވެ.

Leave a comment

Your email address will not be published.