Tue, 7 April, 2020, 5:58 pm
ސްޓޫޑެންޓު ލޯނު ދެއްކުން ހަ މަސް ދުވަހަށް ފަސް ކޮށްދިނުމަށް ނިންމައިފި

ސްޓޫޑެންޓް ލޯނު ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ސްޓޫޑަންޓް ލޯން ދައްކަން ޖެހޭ 4000 އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށެވެ. އަދި ވިދާޅުވީ އެ ލޯން ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކޮވިޑް19 އަކީ ދިވެހިންގެ ތެރޭގައި ނުފެތުރޭނެ އެއްޗެއް ކަމަށް ނިންމެން ނެތް ކަމަށާއި އަދި ބަލިން 8 މީހަކު ރަނގަޅުވެފައިވީ ނަމަވެސް މިއީ އެބަލި ރާއްޖޭގައި ނުފެތުރޭނެ ކަމަށް ނިންމަންވީ ވަގުތު ނޫން ކަމަށެވެ.

“ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި ބަލި ދަނީ ހަލުވިކަމާ އެކީގައި ފެތުރެމުން. ދުނިޔެއިން ބަލި ކޮންޓްރޯލް ނުވަނީސް ރާއްޖެ އަށް މި ބަލި ނާންނާނެއޭ ދެންނެވޭކަށް ނެތް. މިކަމުގައި އެޅި ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު. މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް އެބަ ލިބޭ. ވިޔަފާރިތަކަށް ގެއްލުން އެބަ ލިބޭ. އިގްތިސާދަށް ގެއްލުން އެބަވޭ. ސަރުކާރުން މަސައްކަތް ކުރަނީ އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް،” ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ބީއެމްއެލްގެ ފައިސާ އިން 308 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައި ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދަނޑުވެރިކަމަށް އެޗްޑީއެފްސީ އަށް ދައްކަން ޖެހޭ ލޯންތައް ދެއްކުން ވެސް މިހާރު ފަސްކޮށްދީފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ސިޓިމްލަސް ޕެކޭޖެއް ސަރުކާރުން ވިޔަފާރިތަކަށާއި ރިސޯޓްތަކަށް ތައާރަފު ކުރުމުގެ ބޭނުމަކީ ދިވެހިންގެ ވަޒީފާތައް ހިފެހެއްޓުން ކަމަށެވެ. އަދި އެންމެން އެކީގައި މަސައްކަތްކޮށްގެން މިކަމަށް ޖުމްލަ ހައްލެއް ގެނެސްދެވޭނެ ކަމަށެވެ.

“އަޅުގަނޑުމެން މި ބަލަނީ ސަރުކާރުން ލޯނު ދޫކޮށްގެން މުވައްޒަފުން ވަކިނުކޮށް ވޭތޯ ބެލުން. އަޅުގަނޑު ވިޔަފާރިވެރިންނަށް ގޮވާލަކީ އާންމުންނަށް ދަތި ނުވާނެ ގޮތަށް ކަންކަން ކުރެއްވުން. ބޭސިކް ސެލެރީ ލިބޭނެ ވަރު ކޮށްދޭނަން،” ރައީސް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.