Tue, 7 April, 2020, 5:40 pm
ރައީސްގެ އިލްތިމާސް: މި ހާލަތުގައި އެއްވެސް މުވައްޒަފަކު ވަކި ނުކުރައްވާ

ކޮވިޑް 19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ދަރުބާރުގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކަށް ދިނުމަށް ނިންމާފައިވާ 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖުން ވިޔަފާރިތަކަށް އައިސްފައިވާ ހީނަރު ކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން މުވައްޒަފުން ވަޒީފާތަކުން ވަކި ނުކުރެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

“ސިޓިމްލަސް ޕެކޭއް އަޅުގަނޑުމެން ވިޔަފާރިތަކަށް ރިސޯޓްތަކަށް ވިސްނުމުގެ ބޭނުމަކީ ދިވެހިންގެ ވަޒީފާތައް ހިފެހެއްޓުން. އެންމެން އެކީގައި މަސައްކަތް ކޮށްގެން އަޅުގަނޑުމެންނަށް ހައްލެއް ހޯދޭނެ. އަޅުގަނޑުމެން މި ބަލަނީ ސަރުކާރުން ލޯނު ދޫކޮށްގެން މުވައްޒަފުން ވަކިނުކޮށް ވޭތޯ ބެލުން. އަޅުގަނޑު ވިޔަފާރިވެރިންނަށް ގޮވާލަކީ އާންމުންނަށް ދަތި ނުވާނެ ގޮތަށް ކަންކަން ކުރެއްވުން. ބޭސިކް ސެލެރީ ލިބޭނެ ވަރު ކޮށްދޭނަން,” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގައި ފޮރިން ކަރަންސީގެ ޝޯޓެއްޖެ އެބަހުރި ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ވިސްނުން ހުރީ ލޯނު ނެގުމަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި ކަރަންސީ ސްވޮޕެއް އެބަހުރި ކަމަށާއި އެއީ އިންޑިއާގެ އެހީއާއެކުގައި ލިިބިފައިވާ އެއްޗެއް ކަމަށެވެ.

“ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު އެބަހުރި. އަޅުގަނޑުމެންނަށް ދެތިން ހަތަރު މަހެއް ހިފަހައްޓާލެވޭނެ ޑޮލަރުގެ ޝޯޓޭޖެއް ނެތި. މިއީ އެހާ ދުރަށް ވިސްނައިގެން ފިޔަވަޅު އަޅަންވީ ވަގުތެއް ނޫން. އެވަގުތަކާ ހާލަތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅަމުން ދާނެ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި މިއީ ވަކި ކުލައަކަށް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެ އޮތީ ލޮކްޑައުން އެއްގައިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި ސަރުކާރު އޮތީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތައްޔާރަށް ކަމަށެވެ.

Leave a comment

Your email address will not be published.