Fri, 5 June, 2020, 12:28 pm
”އަޅުގަނޑު ހުންނާނީ ރައްޔިތުންނާއެކު، ރައްޔިތުންނަށް ވާގޮތެއް ވާން”
1072

އެމަނިކުފާނު ހުންނާނީ ރައްޔިތުންނާއެކުގައި ކަމަށާއި އެމަނިކުފާނުގެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ދިވެހި އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމަށް ވެސް އަޅާނެ ފިޔަވަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދަތި އުނދަގޫ ވަގުތުގައި ދިވެހި ރައްޔިތުން ކެތްތެރިވެ، ދިމާވެފައިވާ ދަތިތަކާއެކު ވެސް ސަރުކާރަށް ދެއްވަމުންދާ އެއްބާރުލުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ފަށް ފަށުން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ހާލަތުގައި ވަކި ކުލައެއް ނެތި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށާއި އަދި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަކީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީ. ރައްޔިތުންނަށް ވާގޮތެއް ވާން. އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު ހަމަ،” ރައީސް ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން މާލެއަށް ހާއްސަ ސަމާލުކަމެއް ދެނީ ކީއްވެގެންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މާލެއަކީ ތޮއްޖެހިފައި އޮތްތަނަކަށްވާއިރު މާލޭގައި އެކަކުގެ ގައިން އަނެކަކު ގަޔަށް ބަލި ފެތުރުން ފަށަފިނަމަ ކޮންޓްރޯލް ކުރަން ވަރަށް ދަތިވާނެ ކަމަށެވެ.

އެހެންކަމުން މާލެއަށް ކޮވިޑް 19 އަޔަނުދިނުމަށްޓަކާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެއީ އެހެން ރަށްތައް އިހުމާލުވުމަށް ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރަށްރަށުގެ ހާލަތު ވެސް ސަރުކާރުން ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން ބައްޔާ ގުޅިގެން ކޮންމެ ރަށެއްގައި ޓާސްކު ފޯހެއް އުފައްދާފައިވާއިރު ކޮންމެ ރަށެއްގެ ކާޑާއި ބޭހުގެ ސްޓޮކް ނަގައި މަދުވާ ވަރަކަށް ފޮނުވަމުންދާނެ ކަމަށެވެ. އަދި އެކަމުގެ އަޕްޑޭޓް އެމަނިކުފާނަށް ކޮންމެ ރެއަކު ލިބޭ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ރަށްތަކުގެ ކައުންސިލްތައް ގުޅައިގެން އެރަށްތަކުގެ މައުލޫމާތު ނަގަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.