Tue, 7 April, 2020, 5:21 pm
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ---
އައްޑޫގެ ފިހާރަތަކާއި ކެފޭފަދަ ތަންތަނުން ރޭގަނޑު ހިދުމަތް ނުދޭން އަންގައިފި

މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭފަދަ ތަންތަނުން ރޭގަނޑު ހިދުމަތް ނުދިނުމަށް އެ ސިޓީގެ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސިއްހީ ހިދުމަތްދޭ ކުލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ހިދުމަތްދޭ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން މިއަދުން ފެށިގެން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

މީގެ އިތުރުންް ވެސް ހިދުމަަތް ދިނުމުގައި ގިނަ ކަންތައްތަކަކަށް ސަމާލުވާން ކައުންސިލުން ވަނީ އަންގައިފައެވެ.

އެގޮތުން ގާޑިޔާތަކުގެ ހިދުމަތް ދެވޭނީ ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހުގައި ކަމަށާއި އަދި ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ، މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން ވަނީ މަނާކޮށްފައެވެ.

ގާޑިޔާތަކުގައި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ހިދުމަތް ނުދެވޭނެ ކަމަށާއި ދެވޭނެ ހަމައެކަނި ހިދުމަތަކީ ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން އެކަނި ކަމަށް ވެސް ކައުންސިލުގެ އިއުލާނުގައިވެއެވެ.

މީގެ އިތުރުން ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

Leave a comment

Your email address will not be published.