Tue, 7 April, 2020, 5:41 pm
މާލޭގެ ވިޔަފާރި ބަނދަރު -- ފޮޓޯ/ އެމްޕީއެލް
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފުރަތަމަ ބޯޓު އަންނަ ހޯމަ ދުވަހު ރާއްޖެ އަންނާނެ

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފުރަތަމަ ބޯޓު އަންނަ ހޯމަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޝިޕިން ލައިނާގެ ހިދުމަތް ފެށުމަށްޓަކާ އުފައްދާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފުރަތަމަ ބޯޓު މިމަހުގެ ތިރީސްވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.

އެއާއެކު ޝިޕިން ދާއިރާއަށް އިންވެސްޓުކޮށް އަނެއްކާވެސްކުރީގައި އޮތް ޝިޕިންގެ ފަހުރުވެރި ތާރީހު އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެސްޓީއޯއިން ބުނީ، އެކުންފުނީގެ މުދާ އުފުލާ ބޯޓަކީ ޝިޕިން ލައިންގެ ހިދުމަތް އަލުން ފެށުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ފިޔަަވަޅެއް ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މީގެ ކުރިން ވިދާޅުވެފައިވަނީ، ރާއްޖެއަށް ދުވާލަކު ގާތްގަނޑަކަށް 190 ކޮންޓެއިނަރު އެތެރެވާއިރު އެސްޓީއޯއަށް މަހަކު 200 ކޮންޓެއިނަރު ގެންނަ ކަމަށެވެ.

އެހެންކަމުން ޝިޕިން ވިޔަފާރިއަށް އެ ކުންފުނިން ނުކުމެއްޖެނަމަ އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ތަކެއްޗަށް ހިނގާ ހަރަދު ކުޑަވެ، މުޅި ރާއްޖެއަށް ގެންނަ މުދަލުގެ އަގު ވެސް ހެޔޮކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ނަމުގައެވެ.

ގިނަ އަހަރުތަކެއް ވަންދެން ކުންފުނި ހިންގުމަށްފަހު 2012 ވަނަ އަހަރު ކުންފުނި ހުއްޓާލީ ދަރަނި ބޮޑުވުމާއި ގުޅިގެންނެވެ. އޭރުވެސް ކުންފުނީގެ ނުދައްކާހުރި ދަރަނި 2.5 މިލިއަން ޑޮލަރަށް އަރައެވެ.

Leave a comment

Your email address will not be published.