Tue, 7 April, 2020, 6:20 pm
ކޮވިޑް 19ގެ ތަރުޖަމާން މަބްރޫކު --- ފޮޓޯ/ މިހާރު
ސޮވަރިން ފަންޑުގައި މިވަގުތު 272 މިލިއަން ޑޮލަރު އެބަހުރި

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގައި މިވަގުތު ހުރީ 272 މިލިއަން ޑޮލަރު ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިގޮތަށް ހާމަކޮށްފައި މިވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ސޮވަރިން ފަންޑުގެ ވާހަކައިން ސުވާލު ކުރުމުން އެ ފަންޑުގައި މިވަގުތު ހުރި އަދަދު ސީދާ ދަންނަވަން ދަތި ކަމަށް ރައީސް ވިދާޅުވުމުންނެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަދު މަބްރޫކް އަޒީޒް ނޫސްވެރިންނާއި ބައްދަލުކުރައްވާއިރު އެކަމުގެ ތަފްސީލް ދެއްވާނެ ކަމަށެވެ.

މިއަދު މެންދުރު ދަރުބާރުގޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ މަބްރޫކް ވިދާޅުވީ މިވަގުތު ސޮވަރިން ފަންޑުގައި ހުރީ 272 މިލިއަން ޑޮލަރު ކަމަށެވެ.

ސޮވަރިން ޑިވެލޮޕްމެންޓް (އެސްޑީއެފް) ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ. 2022 ވަނަ އަހަރު އަންނަން ވާއިރަށް މި ފަންޑު 500 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Leave a comment

Your email address will not be published.