Tue, 7 April, 2020, 6:41 pm
މާލެ - ތިލަފުށި ބުރިޖުގެ ސާވޭއަށް ރާއްޖެ އައި ބޯޓު --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ
މާލެ-ތިލަފުށި ބުރިޖުގެ ސާވޭއަށް ވިލިނގިލީ ކައިރިން ބޯހޯލް ތޮރުފާތީ ސަމާލުވާން އެދިއްޖެ

މާލެ-ތިލަފުށި ގުޅާލައި އަޅާ ބުރިޖުގެ ސާވޭ މަސައްކަތްތަކަށް މާލެ އާއި ވިލިނގިލި ދެމެދުގެ ކަނޑުގެ ސަރަހައްދުގައާއި ވިލިނގިލީ ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށާފައިވާތީ އެ ސަރަހައްދަށް ޑައިވްކުރުމާއި އަދި މޫނަށް އެރުން މަނާކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބޯހޯލް ތޮރުފުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު އެ މަސައްކަތް ކުރާނީ އެ ސަރަހައްދުގައި ހާއްސަ ޕްލެޓްފޯމްތަކެއް ބާއްވައިގެން ކަމަށެވެ.

އެގޮތުން އެ މަސައްކަތް ކުރިއަށްގެންދާއިރު ޕުލެޓްފޯމް ވަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަހައްދެއް ކަމުން އެ ސަރަހައްދުތަކުން ދަތުރުކުރާ އުޅަނދުތައް މިއަދުން ފެށިގެން އެ މަސައްކަތް ނިމެންދެން އެކަމަށް ހާއްސަ ސަމާލުކަމެއްދީގެން ދަތުރުކުރުމަށް އެދިފައިވެއެވެ.

އޭގެ އިތުރުން އެ ސަރަހައްދުގައި ޑައިވްކުރުމާއި މޫދަށް އެރި އުޅުމަކީ ވެސް ރައްކާތެރިކަމަކަށް ނުވާތީ މިއަދުން ފެށިގެން އެ މަސައްކަތް ނިމެންދެން އެ ސަރަހައްދަށް ޑައިވްކުރުމާއި މޫދަށް އެރުމަކީ މަނާކަމެއް ކަމުގައި ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ހަދާ ބުރިޖުގެ ޑިޒައިނަށް ބޭނުންވާ މެރިން ޖިއޯ ޓެކްނިކަލް ސާވޭ އާއި ލޭންޑް ޖިއޯ ޓެކްނިކަލް ސާވޭ ކުރުމަށް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

މިމަހުގެ ފަސް ވަނަ ދުވަހު އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 15.9 މިލިއަން ޑޮލަރު (246 މިލިއަން ރުފިޔާ) އަށެވެ. އެއީ އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހަށް މަސައްކަތްތައް ނިންމާ ގޮތަށެވެ.

އެގޮތުން ބުރިޖުގެ ސާވޭތައް ހަދަން “އެމްބާޖެކް” ނަމަކަށް ކިޔާ ހާއްސަ ބޯޓެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މާލޭގައި ބަނދަރުކޮށްފައެވެ. މި ބޯޓުގައި ސާވޭގެ މަސައްކަތްކުރާ މީހުންގެ އެކޮމޮޑޭޝަނާއި ހެލިޕެޑަކާއި ކެރޭން ފަދަ މުހިންމު ވަސީލަތްތައް ގާއިމް ކުރެވިފައިވެއެވެ.

މި ސާވޭ ބޯޓުން ކަނޑުގެ 23 ތަނެއްގައި ބޯހޯލް އަޅާ ސާވޭ ކުރާނެއެވެ. އަދި އެއްގަމުގެ ފަސް ސަރަހައްދެއްގައި 75 މީޓަރު ފުން މިނެއްގައި ބޯހޯލް އަޅައިގެން ސާވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Leave a comment

Your email address will not be published.