Tue, 7 April, 2020, 6:10 pm
މާވަރުލު އެއާޕޯޓަށް ދަތުރުތައް ފެށުން އަނެއްކާވެސް ފަސްކޮށްފި

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ގދ. މާވަރުލު އެއާޕޯޓަށް ދަތުރުތައް ފެށުން އަނެއްކާވެސް ފަސްކޮށްފިއެވެ.

މާވަރުލު އެއާޕޯޓަކީ މިއަހަރުގެ ތެރޭގައި ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ފަސް އެއާޕޯޓުގެ ތެރެއިން އެއާޕޯޓެކެވެ.

އެގޮތުން އެ އެއާޕޯޓަށް މިމަހުގެ 11 ވަނަ ދުވަހު ވަނީ ޓެސްޓު ފްލައިޓު ވެސް ޖައްސައިފައެވެ. އަދި ދަތުރުތައް މިމަހުގެ 20 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ނިންމިއެވެ.

ނަމަވެސް ކޮވިޑް 19އާ ގުޅިގެން އެ ދަތުރުތައް ފެށުން މިމަހުގެ 30 ވަނަ ދުވަހަށް ފަސްކުރިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ޝިމާޒު އަލީ މިއަދު ވިދާޅުވީ، ރާއްޖޭގެ ހާލަތަށް އަންނަ ހެޔޮ ބަދަލުތަކަށްބަލާ ‏މާވަރުލު އެއާޕޯޓުގެ އޮޕަރޭޝަންސް ފެށުމަށް ކަނޑައަޅާ ތާރީހެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށެވެ.

ގދ. ގައްދޫ ކައިރީގައި އޮންނަ މާވަރުލުގައި އެއާޕޯޓެއް ހެދުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް ހިއްސާވާ މޫވިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށެވެ. އެއީ އެމްޑީޕީގެ ސަރުކާރުގައި 10 ޖުލައި 2011 ގައެވެ.

ނަމަވެސް މާވަރުލު އެއާޕޯޓްގެ ބޮޑުބައެއް ނިމިފައިވަނިކޮށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ 16 ފެބްރުއަރީ 2016 ގައި ސަރުކާރުން މޫވިން އިންޓަނޭޝަނަލްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރިއެވެ.

އޭގެ ފަހުން ރައީސް ޔާމިންގެ ސަރުކާރުން އެ އެއާޕޯޓުގެ މަސައްކަތް އަލުން ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ.

މާވަރުލު އެއާޕޯޓަކީ 150 މީޓަރު ފުޅާ އަދި 1200 މީޓަރު ދިގު ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ.

Leave a comment

Your email address will not be published.