Fri, 29 May, 2020, 12:00 am
ފުލުހުން މި ދުވަސްވަރު ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވާ ގޭގައި މަޑު ކުރެއްވުމަށް ރައީސް އެދިވަޑައިގެންފި
3

މި ދުވަސްވަރު ފުލުހުން ކުރަމުން އަންނަނީ ގައުމީ ބޮޑު މަސައްކަތެއް ކަމަށާއި އެކަމުގައި ފުލުހުންނަށް އާއްމު ރައްޔިތުންނަށް ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމަކީ ބޭރަށް ނުނިކުމެ ގޭގައި މަޑު ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ދިވެހި ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ފުލުހުންގެ ޚިދުމަތެއް އޮތުމުގެ، އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ޙިމާޔަތް ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ. މިއަހަރުގެ ފުލުހުންގެ ދުވަސް ބައްދަލުކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި، ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ޙަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް19 ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް، ކުރާ ޤައުމީ މަސައްކަތުގައި، ދިވެހި ފުލުހުން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު، އަދި އެހާމެ ނުރައްކާތެރި ދައުރެއް ކަމަށެވެ. އެކަމުން އެނގިގެން ދަނީ، ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި، ފުލުހުންނަކީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާނެ ބައެއްކަން ކަމަށް ރައީސް ވިދާޅުވިއެވެ.

“މި ދަނޑިވަޅުގެ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި، އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަން މަސައްކަތްކުރާ ބަޔަކުވެސް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބަތިބި. އެފަދަ ކަންކަމަށް ސަމާލުވެ، އެކަންތައް ހުއްޓުވުމުގައިވެސް ފުލުހުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. އެހެންވީމާ، އަޅުގަނޑުމެން އެންމެން، އެ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭނެ. މިވަގުތު އެކަމުގެ އަގު ވަޒަންކުރުމަކީ، އެބޭފުޅުންގެ އެ މަސައްކަތް ކާމިޔާބު ކުރުމަށް ފުރުޞަތު ދެއްވައި، އަޅުގަނޑުމެން ބޭރަށް ނުނިކުމެ ގޭގައި ތިބުން. މީހުން އެއްވެއުޅުން މުޅިން ހުއްޓުމަކަށް ގެނައުން،” ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް، މަޖިލީހުން ފާސްވެ ޤާނޫނަކަށް ވުމުން، ފުލުހުންގެ ޚިދުމަތް ހަރުދަނާވެ، ފުލުހުންގެ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެފަދައިން، މުޖުތަމަޢުގައި އާލާވަމުން އަންނަ އާ ބާވަތްތަކުގެ ކުށްތައް ހުއްޓުވައި، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލެވޭފަދަ ޤާބިލު މުއައްސަސާއަކަށް، ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުވެގެން ދިޔުމަށް މަގުފަހިކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ބިލް ޤާނޫނަކަށް ވެގެންދާއިރު، ފުލުހުންގެ މުޅި މުއައްސަސާއަށް އަންނަ ބަދަލުތަކާ އެކަށޭނަގޮތަށް، ދިވެހި ފުލުހުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ތަމްރީނު ހޯދައިދިނުމަށް، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Leave a comment

Your email address will not be published.