Thu, 28 May, 2020, 3:48 pm
ކޮވިޑް19 ގެ ނުރައްކާތެރިކަން އެންމެ ބޮޑީ ބިދޭސީންނަށް: ހިއުމަން ރައިޓްސް ވޮޗް
2

ރާއްޖޭގެ އާބާދީގެ 25 ޕަސެންޓު ހިއްސާކުރަނީ ބިދޭސީ މަސައްކަތްތެރިން ކަމަށާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ރާއްޖޭގައި ކޮވިޑް19ގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ބިދޭސީ މަސައްކަތްތެރިންނަށް ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން ދަނީ ކުދިކުދި ކޮޓަރިތަކެއްގައި ކަމަށެވެ. އަދި އެތަން އޮންނަނީ ބައިބޯވެ ތޮއްޖެހިފައި ކަމަށާއި އެކަމުގެ ސަބަބުން އެމީހުންނަށް އެ ބަލި ޖެހުމުގެ ފުރުސަތު އިންތިހާއަށް އެބަ އޮތް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެހެންކަމުން މި ބަލީގައި އެންމެ ނާޒުކު ބައެއްގެ ގޮތުގައި ބެލެވެނީ ވެސް ބިދޭސީން ކަަމށް ހިއުމަން ރައިޓްސް ވޮޗް އިން ބުންޏެވެ.

ގާނޫނީ ގޮތުން ވަޒީފާދޭ ފަރާތުން ބިދޭސީ މަސައްކަތްތެރިންގެ ހެލްތު އިންޝުއަރެންސް ހަމަޖެއްސުމަށް ލާޒިމުކުރި ކަމުގައިވީ ނަމަވެސް މި ކަން ތަންފީޒުކުރާ މިންވަރު ދަށް ކަމަށާއި މިކަމުގެ މައުލޫމާތު ގިނަ ފަހަރަށް ބިދޭސީންނަށް ފޯރުކޮށްނުދޭ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. މީގެއިތުރުން ގާނޫނާއި ހިލާފަށް ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެމީހުންގެ އެހެނިހެން ލިޔެކިޔުންތައް ހިފަހައްޓާފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ އެ ތަކެތި ހޯދުމަށްވެސް ބިދޭސީންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

އެކަމުގެ ނަތީޖާއަކަށް ވަނީ ބިދޭސީ މީހުން ސިއްހީ ހިދުމަތްތައް ހޯދަނީ އާންމުންނަށް ވުރެ ބޮޑު އަގުގައި ކަމަށް އެެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

އެ ޖަމިއްޔާއިން ވަނީ ކޮވިޑް19 އާ ގުޅިގެން ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ކްލިނިކުން އެއްވެސް ލިޔެކިޔުމެއް، ހުއްދައެއް ދެއްކުމެއް ނެތި އެތަނުން ހިދުމަތް ދޭން ނިންމި ނިންމުން އެކަން ފާހަގަކޮށްފައެވެ. ނަމަވެސް ރާއްޖޭގައި ބިދޭސީން މަސައްކަތް ކުރަނީ ހަމައެކަނި މާލެ ސަރަހައްދުގައި ނޫންކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ހުރިހާ ބިދޭސީންނަށް އެ ކްލިނިކާއި ހަމައަށް ދިއުމަކީ ދަތި ކަމެއް ކަމަށެވެ.

ކޮވިޑް19 ފެތުރުން ހުއްޓުވަން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ބިދޭސީ މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކުގެ ހައްގު ކަށަވަރުކުރަން އދ.އިން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިނުވާ ކަމަށެވެ.

ރާއްޖޭގައި ޖުމްލަ 17 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު އޭގެތެރެއިން 15 މީހުންނަކީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ރިސޯޓުތަކަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވާ ބިދޭސީ ފަތުރުވެރިންނެވެ. އަދި މިހާރު އޭގެތެރެއިން 11 މީހަކު އެ ބަލިން ވަނީ ރަނގަޅުވެފައެވެ.

Leave a comment

Your email address will not be published.