Thu, 28 May, 2020, 4:11 pm
ކޮވިޑް 19އާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ސަރުކާރުން އެލަވެންސެއް ދެނީ
8

ކޮވިޑް 19އާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ހާއްސަ އެލަވެންސެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، އެލެވަންސް ދޭނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް ކަމަށެވެ. އަދި އެ ފައިސާ ދޭނީ މި ހާލަތާ ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ 1.5 ބިލިއަން ރުފިޔާގެ ސްޓިމިއުލެސް ޕެކޭޖުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ވަޒީފާ ގެއްލޭ މީހުންނަށް ދޭނެ އެލެވެންސްގެ އަދަދު މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްޓިމިއުލެސް ޕެކޭޖުން ރިސޯޓްތަކަށް ފައިސާ ދޫކުރާނީ އެރިސޯޓްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

ނަމަވެސް ވަޒީފާ ގެއްލޭ މީހުންނަށް ސަރުކާރުންދޭ އެލަވެންސް ލިބޭނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން އުފައްދާފައިވާ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ކަމަށާއި އެހެންކަމުން ރަސްމީ ސިފައެއްގައި އެ ސެންޓަރުގައި ރަޖިސްޓްރީ ވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

މިދަނޑިވަޅުގައި ސަރުކާރުން ފައިސާ ހޯދުމަށްދާ ގުޅޭގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ، ދިވެހި ސަރުކާރުން ބޭރުގެ ގައުމުތަކާ މަޝްވަރާކޮށްގެންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި މަޝްވަރާކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި 150 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބޭނެ ކަމަަށް ލަފާކޮށްފައިވާއިރު އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ބާކީ އޮތް އަދަދުވެސް ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

Leave a comment

Your email address will not be published.