Thu, 28 May, 2020, 5:48 pm
ސީޕީ ހަމީދު މާލެތެރެ ޕެޓްރޯލް ކުރެއްވުމުގައި --- ފޮޓޯ/ ޕޮލިސް
ޖޫނިއާ އޮފިސަރުންނާއެކު މާލެތެރެ ޕެޓްރޯލް ކުރުމުގައި ސީޕީ ހަމީދު
6

މާލެ ސަރަހައްދުގައި މިއަދު ކާފިއު އިއުލާންކޮށްފައިވާ ވަގުތުގައި މަގުމަތި ޕެޓްރޯލް ކުރެއްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންފިއެވެ.

މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެ، ވިލިމާލެ އަދި ހުުޅުމާލޭގައި ބޭރަށް ނުކުމެ އުޅުމާއި ހާއްސަ ހުއްދައެއް ދީފައިވާ އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ.

އެ ވަގުތުގައި މުޅި މާލެއަށް ހަމަހިމޭންކަން ފެތުރިގެންދިޔައިރު ފުލުހުން ދިޔައީ އެންގުމާ ހިލާފުވާ ފަރާތްތައް ހޯދުމަށް މަގުމަތީގައި ހަރަކާތްތެރިވަމުންނެވެ.

އެގޮތުން މާލެތެރެ ޕެޓްރޯލް ކުރެއްވުމުގައި ޖޫނިއާ ފްރަންޓް ލައިން އޮފިސަރުންނާއެކު ސީޕީ ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ސީނިއާ ކޮމިޝަންޑް އޮފިސަރުން ވަނީ ފައިމަގުގައި މާލެތެރެ ޕެޓްރޯލް ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ފުލުހުން އިއްޔެ ބުނީ، ކާފިއު ތަންފީޒުކުރުމަށް އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތްތެރިވެ އެކަން ތަކުރާރުވާނަމަ ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން ޖޫރިމަނާ ކުރާނީ 1000 ރުފިޔާ އިންނެވެ.

ނަމަވެސް މިއަދުގެ ކާފިއު ވަގުތުގައި އެ އެންގުމާ ހިލާފުވީ ކިތައް މީހުން ކަމެއް އަދި ޖޫރިމަނާކުރީ ކިތައް މީހުން ކަމެއް ނޭނގެއެވެ.

Leave a comment

Your email address will not be published.