Thu, 28 May, 2020, 11:51 pm
ކޮވިޑް19: ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހަރަދުކޮށްފި
1

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް އެހީވުމުގެ ގޮތުން ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބޭރުގައި ތިބި ފަރާތްތަކަށް އެހީވުމުގެ ގޮތުން ޒަކާތު ފަންޑުގައި ހުރި ފައިސާގެ ތެރެއިން ތިން މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ޒަކާތު ފަންޑުން ހަރަދު ކުރަން ނުޖެހޭ އެއްވެސް ފައިސާ އެއް އެއްވެސް ކަމަކަށް ހަރަދު ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ފާހަގަކުރެއްވީ ޒަކާތު ފަންޑުން ރަނގަޅު ގޮތުގައި ފައިސާ ހަރަދު ކުރުމަށްޓަކައި ޒަކާތު އެޑްވައިޒަރީ ބޯޑެއް އެކުލަވާލާފައިވާ ކަމަށެވެ. އެބޯޑުގައި ތިއްބަވަނީ ދީނީ އިލްމުވެރިންނެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން އެކަނިވެސް 16 މިލިއަން ބޭސް ފަރުވާއަށް ހަރަދު ކޮށްފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އެނބުރި އަންނަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ކުރަމުން އަންނައިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަނީ ދިވެހިންގެ ހާލަތު ގާތުން ކޮންމެ ދުވަހަކުވެސް ބަލަމުންނެވެ.

Leave a comment

Your email address will not be published.