Thu, 28 May, 2020, 1:05 pm
މި ވަގުތުގައި ހެޔޮއަމަލު ކުރުން އިތުރުކޮށް، ދީލަތިވެ ސަދަގާތް ކުރުމަށް ހުތުބާގައި ގޮވާލައިފި
6

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހިތާމަވެރި ވަގުތެއްގައި ހެޔޮއަމަލު ކުރުން އިތުރުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

“ޝައުބާން މަހާއި ހެޔޮއަމަލު” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި މި ވަގުތުގައި ހެޔޮ އަމަލުކުރުން އިތުރުކޮށް، ހާއްސަކޮށް ކުރިއަށްވުރެ ބޮޑަށް ދީލަތިވެ، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ، ސަދަގާތްކޮށް، ހޭދަކުރުމަށް އަވަސްވެގަންނަން ޖެހޭ ކަމަށެވެ.

އެގޮތުން ހާލުގައި ޖެހިފައިވާ މީހުންނާއި ތިމާގެ އާއިލާ އާއި ގާތްތިމާގެ މީހުންނަށް ހޭދަކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ތިމާގެ އުމުރަކީ ކިތައް ދުވަސް ކަމެއް އެއްވެސް މީހަކަށް އެނގިގެން ނުވާ ކަމަށާއި ނަމަވެސް  އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެއްކަން ފާހަގަކުރައްވާ ހުތުބާގައި ވަނީ، ވެހޭތާ ފެންނަގާށޭ ބުނާފަދައިން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެފައެވެ.

އޭގެ އިތުރުން ގައިބާރު ދެރަވުމުގެ ކުރިން ހެޔޮއަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތްކުރުމަށް ވެސް ގޮވާލެއްވިއެވެ. އެހެނީ ހެޔޮކަންތައް އިތުރު ކުރުމަކީ ގަސްދަކާނުލައި ކުރެވޭ ނުރަނގަޅު ކަންކަމުންނާއި ކުދި ފާފައިން މާތް ﷲ ސަލާމަތް ކުރައްވާނެ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ކީރިތި މާތް ނަބިއްޔާގެ އިރުޝާދުތަކަށް ބަލާއިރު މާތް ﷲގެ ހަޟްރަތުގައި އެންމެ ހެޔޮކަން ބޮޑު އަމަލަކީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ އަމަލު ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މިހާރު ވޭޭތިކުރަމުން މިދަނީ ޝައުބާން މަހުގެ ދުވަސްތައް ކަމަށާއި މި މަސް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހާއްސަވެގެންވާ ކަމަށެވެ. އޭގެ ތެރޭގައި ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރަކަށްވުން ހިމެނޭ ކަމަށެވެ.

ކީރިތި މާތް ނަބިއްޔާގެ މާތް އަމަލުފުޅުތަކުގެ މަތިން ހަނދާން އާކޮށްލަމުން މާތް ﷲ ރުއްސުން ލެއްވި އާއިޝަތުގެފާނު ރިވާކުރެއްވި ހަދީޡެއްގެ މާނައިގައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

މާތް ނަބިއްޔާ ޝައުބާން މަހަށްވުރެ ގިނައިން (ސުންނަތް) ރޯދަ ހިއްޕަވާ މައްސަރެއް ނުވެއެވެ. އެ މަހުގައި (ރޯދަފުޅު ހިއްޕަވާލެއް ގިނަކަމުން) މުޅި މައްސަރުގައި ރޯދަ ހިއްޕަވާފަދައެވެ. އަދި މާތް ނަބިއްޔާ ހަދީޡް ކުރެއްވިއެވެ.

“ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރާށެވެ! ފަހެ ތިޔަބައިމީހުން ހީވާގިކަމާއެކު ހެޔޮ އަމަލު ކުރުމުގައި ދެމިތިބިހައި ހިނދަކު، ތިޔަބައިމީހުންނަށް ދަރުމަ ދެއްވުމުގައި، މާތް ﷲ ދެމިވޮޑިގެންވާނެތެވެ،”

Leave a comment

Your email address will not be published.