Thu, 28 May, 2020, 12:27 pm
ރައްޔިތުން މަޖިލީހުގެ އެންވަޔަރަމަންޓު އެންޑް ކްލައިމެޓު ޗޭންޖު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް
ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއް އިންދުމުގެ ޕްރޮގްރާމެއް ފުރިހަމަ ކުރަން ހުށަހަޅައިފި
80

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ
ޕްރޮގްރާމެއް ކައުންސިލްތަކުން މި އަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް އެންވަޔަރަމަންޓު އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީ އިން ހުށަހަޅައިފިއެވެ.

އެ ކޮމެޓީން މިގޮތަށް ހުށަހެޅީ ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި، ތިމާވެއްޓަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އަދި މިފަދަ ކަންކަން ބޭނުންކުރުމަށް ބަލާ އެކަންކަން ފުރިހަމަކުރުމަށް، އެ ޕްރޮގްރާމްތައް ހިންގާނެ އުސޫލުތަކެއްގެ ލަފާ ސަރުކާރަށް ދިނުމާގުޅޭގޮތުން އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ވަނީ ދިވެހިރާއްޖޭގެ ރަށްރަށުގައި ހުރި ގިނަ ރުކަކީ ދުވަސްވެ މުސްކުޅިވެފައިވާ ރުއްކަމަށް ތަޖުރިބާކާރުން ބުނާތީ، ދެލައްކަ ރުއް ދިވެހިރާއްޖޭގައި އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހުށަހަޅާފައެވެ.

ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އެ ގޯއްޗަކަށް އެކަށޭނެ މިންވަރަކަށް “ހޯމް ގާޑްން” ހެއްދުމަށް ގަވާއިދުގައި ހިމެނުމަށް ހުށަހަޅާފައިވާއިރު ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި އޯގޭނިކް ބޭސް ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ފެށުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ފަޅުގޮވާން ކުރުމަށް ހިތްވަރުދީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނާއި، ވަސީލަތްތައް ފަހިކޮށްދިނުމަށް ހުށަހަޅާފައިވާއިރު ުނިޔެއަށް ދިމާވާ މިފަދަ ދަތި ދުވަސްތަކުގައި ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ތަންތަނާއި ބާވަތްތަކުގެ ބޭނުން ނާޖާއިޒް ގޮތެއްގައި ހިފުން އިތުރުވެދާނެކަމަށް ބަލައި، ސަރުކާރުން ގައިޑްލައިންތަކެއް ކަނޑައަޅާ، އެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ހިމާޔަތް ކުރެވިފައިވާ ތަންތަން ބެލެހެއްޓުން ކައުންސިލްތަކަށް ހަވާލު ކުރުމަށްވެސް ކޮމެޓީ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

މުޅި ޖުމްލަ 25 ހުށަހެޅުމަށް ހުށަހަޅާފައިވާ އެ ރިޕޯޓުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރުން ގަތުމަށް ނިންމެވި ފަދައިން ރަށްރަށުގައި ބާނާ ފަރު މަސް ސަރުކާރަށް ގަނެވޭނެ ގޮތެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.

ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުން ދަނޑުވެރިކަމަށް ދޫކުރެވޭނެ ބިންތައް ކައުންސިލްތަކުން
އަވަހަށް ކަނޑައެޅުމަށް އަންގާ، އެ ބިންތައް ދަނޑުވެރިކަން ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ފުރަތަމަ އަހަރު ހިލޭ، ދޭން ޖެހިގެން އަންނަ އަހަރުތަކުގައި ކުޑަ ކުއްޔެއް ކައުންސިލަށް ނަގާ ގޮތައް، ބިން ދޫކުރުމާއި، ދަނޑުވެރިކަން
ކުރުމަށް ލުއި ލޯނު އަދި ފަންނީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ދަނޑުވެރިކަން ކުރުމުގައި ދިވެހިރާއްޖެއިން ބޭރުން އެތެރެކުރާ ބާއްވަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އެކަށީގެންވާ
ގޮތެއްގައި ހެއްދޭ ބާވަތްތަކަށް މާކެޓް ޕްރިފަރެންސް ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި،
ދިވެހިރާއްޖޭގެ އެކި ސަރަޙައްދުގައި ހުރި އެސްޓީއޯ ފިހާރަތަކަށް ދަނޑުވެރިކަމުގެ ބާވަތްތައް ފަސޭހައިން ވިއްކޭނެ
އިންތިޒާމް ހަމަޖެއްސުމަށްވެސް ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް 19 ރޯގާގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި
ގެއްލުންތަކެއްވެ، އެ ގެއްލުންތަކުން އަރައިގަތުމަށް އެކި ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، މިކަމުން ދިވެހިރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ހަރުދަނާ އަދި ދެމެހެއްޓެނިވި ފިޔަވަޅުތަކެއް ވިސްނުންތެރިކަމާއެކު އަޅަންޖެހޭނެ ކަމަށް އެ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

“މިހާރު ދިވެހިރާއްޖެ އޮތީ، މަދު އެއްޗެއް ފިޔަވާ ބޭރުން އެތެރެކުރާ ތަކެއްޗަށް އިންތިހާއަށް ބަރޯސާވެފައިކަން
ކޮމިޓީން ފާހަގަކުރަމެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތަކާއި، ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ވަކިން ޚާއްސަ ގޮތެއްގައި ފާހަގަކުރަމެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ތަރުކާރިއާއި މޭވާއާއި ފަލަމަޑީގެ ބާވަތްތަކަކީ ދިވެހި ރާއްޖޭގެ ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ފަސޭހައިން ހެއްދޭ ބާވަތްތައް ކަމުގައިވިޔަސް، އެކަމުގައި އޮތީ ވަރަށް ބޮޑަށް ފަރުވާ ކުޑަކުރެވިފައިކަން ފާހަގަކުރެވެއެވެ،” ރިޕޯޓުގައިވެއެވެ.

ކުރިމަތިވި މި ޙާލަތުން ދެނެގަންނަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ދެމެހެއްޓެނި ތަރައްޤީގެ ހަމަތައް ދިވެހިރާއްޖޭގައި ކުރިއަރުވައި، ކުރިމަގުގައި ދިމާވެދާނެ މިފަދަ ކަމެއްގެ ޝޮކް ވީހާވެސް ކުޑަވާނެ ގޮތަކަށް ކަންކަން ދިވެހިރާއްޖޭގެ ކަންކަން ބައްޓަންކުރުން ކަމަށްވެސް ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

Leave a comment

Your email address will not be published.