Thu, 28 May, 2020, 12:59 pm
އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން މަޝްވަރާ ކުރަނީ
6

އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އަށް މާލީ ބޮޑު ގެއްލުމެއް ލިބެމުން އަންނާތީ އަންނަ މަހުން ފެށިގެން ބައެއް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އަތުވެދާނެ ކަމަށް އަންގައިފި އެވެ.

އެމްއޭސީއެލް އިން އެކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ އެ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏަކަށް ވާއިރު، އެ ކުންފުނީގެ ބައެއް މުވައްޒަފުންްގެ މުސާރައާއި އިނާޔަތް މިއަންނަ މަހުން ފެށިގެން ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް މަޝްވަރާކުރަން އަންނަ ކަމަށެވެ.

އެގޮތުން ކޮވިޑާ ގުޅިގެން މިހާތަނަށް އައިއިރު ވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތައް އެއްވެސް ބަދަލެއް ގެނެސްފައި ނުވި ނަމަވެސް މިއީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމަކަށް ވާތީ، އެއާޕޯޓުގެ އޮޕަރޭޝަންތައް އިންތިހާއަށް ކުޑަވެ، އެކަމުގެ ސަބަބުން މާލީ ވަރަށްބޮޑު ގެއްލުމެއް ކުރަމުން އަންނަ ކަމަށް ސާކިއުލާގައިވެއެވެ.

“މި ހާލަތުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އެކަމުގެ އަސަރު، ކުރާވަރު ކުޑަ ކުރުމަށްޓަކައި އަޅުގަނޑުމެން މިދަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކަށްފަހު ކަނޑައެޅޭ ނިންމުންތައް، ވީ އެންމެ އަވަސް ފުރުސަތެއްގައި މުވައްޒަފުންނަށް ހިއްސާ ކުރާނެ ވާހަކަ ދަންނަވަމެވެ،” އެމްއޭސީއެލްގެ ސާކިއުލާގައި ބުނެފައިވެއެވެ.

އެ ސާކިއުލާގައި މިހާލަތުގައި މުވައްޒަފުންގެ ހަރަދުތައް ވީވަރަކުން ކުޑަކުރުމަށާއި މުސްތަގްބަލުގައި ދިމާވެދާނެ ދަތިތަކަށް ތައްޔާރުވެ ތިބުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުން އަންނަ އަސަރު ކުޑަކުރުމަށް، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފައެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ އަލަށް ގެނައި ބަދަލުތަކަށް އަމަލުކުރާނީ މި މަހުގެ މުސާރަ ޕީރިއަޑުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

Leave a comment

Your email address will not be published.