Thu, 28 May, 2020, 11:37 am
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެރަވައިލް ހޯލް ތެރޭގައި ބިދޭސީއަކު ހިނގާފައި އަންނަނީ --- ފޮޓޯ: ވީނިއުސް
ޖުލައި މަހުގެ ތެރޭގައި އެއާޕޯޓް، ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލަނީ
16

އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށާއި އެކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު ކަނޑައަޅަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮވިޑްގެ ދަތިކަމުން އަރައިގަނެ ފަތުރުވެރިކަން އަލުން ފެށިގެންދާއިރު ރިސޯޓްތަކަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން ރިސޯޓްތަކުގެ މިއަހަރުގެ ފަހު ހަ މަސްދުވަހުގެ ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވިއެވެ.

“އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި. އަދި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރުވާނީ ނިންމާފައި،” ރައީސް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.