Thu, 28 May, 2020, 11:53 am
މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ފުރުވާލި ބައެއް ބަންގްލަދޭޝް މީހުން އެއާޕޯޓްގައި --- ފޮޓޯ: މޯލްޑިވިއަން
ބަންގްލަދޭޝްގެ 350 އަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި
6

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 352 އަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މީހުން ގައުމަށް އަނބުރާ ފޮނުވާލާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެ ފްލައިޓެއްގައެވެ.

އެގޮތުން ފުރަތަމަ ފްލައިޓުގައި 152 މީހުން ފޮނުވިއިރު ދެވަނަ ފްލައިޓުގައި 200 މީހުން ފޮނުވާފައިވެއެވެ.

މިއާއެކު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 840 މީހަކު މިވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.

އެގޮތުން މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުން ގޮވައިގެން އައި އެގައުމުގެ އަސްކަރީ މަތިންދާ ބޯޓުގައާއި ސިއްހީ ސާމާނާއި ކާބޯތަކެތި ހިފައިގެން މިމަހުގެ 17 ވަނަ ދުވަހު ރާއްޖެ އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ޖުމްލަ 135 މީހަކު ވަނީ ފޮނުވާލައިފައެވެ.

އޭގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރު ކޮށްގެން ގެނައި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާން އެއާލައިންސްގެ ފްލައިޓެއްގައި މިމަހުގެ 16 ވަނަ ދުވަހު 353 މީހަކު ފޮނުވާލިއެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު، ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ 1500 މީހަކު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

Leave a comment

Your email address will not be published.