Thu, 28 May, 2020, 1:18 pm
ހަތަރު މަހުގެ ކުއްޖާއަށް ޑޮކްޓަރުންގެ ޓީމަކުން ފަރުވާދިން، ތަފްސީލު ރިވިޔުއެއް ހަދަނީ
3

އޭޑީކޭގައި އިއްޔެ ނިޔާވި ހަތަރު މަހުގެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޑޮކްޓަރުންގެ ޓީމަކުން ފަރުވާދިން ކަމަށާއި ނަމަވެސް އެ ހާދިސާއާ ގުޅިގެން ތަފްސީލު ރިވިއުއެއް ހަދަން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ތުއްތު ކުއްޖާ ނިޔާވީ ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަނުޖެހިގެން ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާތީ އޭޑީކޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުއްޖާ އިމަޖެންސީއަށް ގެނެއުމާއެކު އިމަޖެންސީ ޑޮކްޓަރުން، ޝްޕެޝަލިސްޓުންގެ ލަފަޔާއެކު ކުއްޖާގެ ފަރުވާ ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ކުއްޖާގެ ބަލި ދެނެގަތުމަށްޓަކައި އަލްޓްރާސައުންޑާއި ސީޓީ ސްކޭން ވެސް ހެދި ކަމަށެވެ.

“ކުއްޖާގެ ހާލަތު ބަދަލުވުމާ ގުޅިގެން ފުރާނަ ސަލާމަތް ކުރުމަށްޓަކައި، އިމަޖެންސީ ފިިޒިޝަންއަކާ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާ، އޮޕަރޭޝަން ޑޮކްޓަރުންނާ އަދި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާދެއްވިއެވެ. ނަމަވެސް އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފައެވެ،” އޭޑީކޭގެ ބަޔާނުގައިވެއެވެ.

އެ ހޮސްޕިޓަލުން ބުނީ، އެ ހާދިސާއާ ގުޅިގެން ކަން ހިނގާދިޔަ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރަން އެ ހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފްސީލު ރިވިއު އެއް ހަދަން ފަށާފައިވާ ކަމަށާއި އެ ރިވިއު ނިމުމުން އެ މައުލޫމާތު ވެސް އާއިލާއާ ހިއްސާކުރާނެ ކަމަށް ބަޔާނުގައިވެއެވެ.

Leave a comment

Your email address will not be published.