Thu, 28 May, 2020, 12:27 pm
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން -- ފޮޓޯ: ވީފޮޓޯ
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ޔާމީން މިނިވަންކުރަން ގޮވާލައިފި
7

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ އިންސާފުގެ ބޭރުން ކުރެވިފައިވާ ސިޔާސީ ހުކުމެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވާތީ، ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމަނިކުފާނު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައެވެ. އަދި ޖަލު ހުކުމުގެ ތެރެއިން މިހާތަނަށް ތަންފީޒު ކުރެވުނީ ހަ މަހެވެ.

ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުގެ މާ ބޮޑު އިންސާފެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އެއީ ސިޔާސީ އަދި ޒާތީ ދައުވާއެއް ކަމަށް ފުރަތަމަ ވަގުތުން ފެށިގެން ވެސް އެ ކޯލިޝަނުން ގޮވާލަމުންދިޔަ ކަމަށެވެ.

އަދި ރައީސް ޔާމީން ޖަލުގައި އެ ހުންނަވަނީ އިންސާފުން ނޫން ކަމަށާއި އެމަނިކުފާނަށް ކުރެވިފައިވަ ހުކުމަކީ ސިޔާސީ ދައުވާއެއްކަން ދޭހަވާ ގޮތަށް ރައީސް ނަޝީދު ވެސް އިއުތިރާފް ވެވަޑައިގެންފައިވުމަކީ އެ ކޯލިޝަނުން އެންމެ ފުރަތަނަ ދުވަހުން ފެށިގެން ދައްކަމުން ގެންދިޔަ ވާހަކަތަކަކީ ހަގީގަތެއްކަމަށް ސަރުކާރުގެ ހިންގާ ޕާޓީ އާއި ސަރުކާރުން ވެސް ގަބޫލުކުރުން ކަމަށް ބަޔާނުގައިވެއެވެ.

“އެހެންކަމުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާއަށް ނުހައްގުން ދެމުން ގެންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލާ، އެމަނިކުފާނު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލަމެވެ،” އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅުން މިގޮތަށް ބުނެފައިވާއިރު، ރައީސް ޔާމީނަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓަކާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ދެ ޓުވީޓެއް ރައީސް ނަޝީދު ވަނީ ރޭ ރީޓުވީޓް ކުރައްވައިފައެވެ. އެ ދެ ޓްވީޓަކީ ވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތައުރީފު ކޮށްފައިވާ ޓްވީޓްތަކެވެ.

Leave a comment

Your email address will not be published.